Last Updated: April 28, 14:38
Sunday, April 28, 2024
މުނިފޫހިފިލުވުން

މިސް ވޯލްޑްގެ ހޯސްޓަކަށް ކަރަން

އަންނަ ހޮނިހިރު ދުވަހުގެ ރޭ އިންޑިއާގެ މުމްބާއީގައި ބާއްވަން ހަމަޖެހިފައިވާ 71 ވަނަ މިސް ވޯލްޑް ހަފުލާ ހޯސްޓްކުރުމުގެ ޝަރަފު ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރަށް ލިބިއްޖެ އެވެ.

މިކަން މިހާރު މިސް ވޯލްޑުން ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު، ކަރަންއާ އެކީ ކޯ-ހޯސްޓެއްގެ ގޮތުގައި 2013 ގައި މިސް ވޯލްޑްގެ ތާޖު ހާސިލުކުރި މެގަން ޔަންގް ބައިވެރިވާނެ އެވެ. ކަރަން އަކީ ހޯސްޓްކުރުމުގައި ވަރަށް ތަޖުރިބާހުރި މީހެކެވެ. އެގޮތުން މިހާތަނަށް ބޮޑެތި ފިލްމީ އެތައް އެވޯޑް ހަފުލާއެއް އޭނަ ހޯސްޓްކޮށްފައިވެ އެވެ.

މި އަހަރުގެ މިސް ވޯލްޑް ހޮވާ މުބާރާތް އިންޑިއާގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އިންޑިއާގެ ބައެއް މިއުޒިކީ ފަންނާނުން އެ ހަފުލާގައި ޕަފޯމްކުރަން ވެސް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ނޭހާ ކައްކަރާއި ޓޯނީ ކައްކަރް އަދި ޝާން ހިމެނެ އެވެ. އަދި މި ހަފުލާ ވާނީ ބޮލީވުޑްގެ ވަަރަށް ގިނަ ބަޔަކު ވެސް ބައިވެރިވާނެ ވަރަށް ގްލެމަރަސް އިވެންޓަކަށެވެ.

މި އަހަރުގެ މިސް ވޯލްޑް މުބާރާތް އިންޑިއާގައި ބާއްވަން ނިންމީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މިއީ 1996 ގެ ފަހުން އެ މުބާރާތް އިންޑިއާގައި ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ މީހަކު އެންމެ ފަހުން މިސް ވޯލްޑް ޓައިޓްލް ކާމިޔާބުކުރީ 2017 ގަ އެވެ. އެ އަހަރު މުބާރާތުގެ ތާޖު ލިބުނީ 2022 ގެ ފިލްމު "ސަމްރާޓް ޕްރިތުވީރާޖް" އިން އެކްޓިން އަށް ނުކުތް މަނޫޝީ ޗިލާރް އެވެ. އިންޑިއާ އިން އެންމެ ފުރަތަމަ މިސް ވޯލްޑް ހޯދީ 1966 ގަ އެވެ. އެ އަހަރުގެ މިސް ވޯލްޑަކީ ރީތާ ފާރިއާ އެވެ.

މިސް ވޯލްޑް ޓައިޓްލް ހޯދާފައިވާ އިންޑިއާ މީހުންނަކީ އައިޝްވާރިއާ ރާއީ (1994)، ޑަޔާނާ ހޭޑެން (1997)، ޔުކްތާ މޫކީ (1999) އަދި ޕްރިޔަންކާ ޗޯޕްޅާ (2000) އެވެ.