Last Updated: April 28, 21:57
Sunday, April 28, 2024
ޚަބަރު

ރައީސް ތަކުރާރުކޮށް ވިދާޅުވީ ވައުދުތައް ފުއްދަވާނެކަމަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ވެފައިވާ ވައުދުތައް ފުއްދުމަށް ބައިވަރު މަސައްކަތްތައް ކުރެވޭ ކަމަށާއި ހުރިހާ މަސައްކަތްތައް ކޮށްދޭނެކަމުގެ ޔަގީންކަން އަރުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. މ. އަދި ވ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. މުލަކަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވައުދުވި ހުރިހާ ކަމެއް ކޮށްދޭނެކަމުގެ ޔަގީންކަން ދޭން ބޭނުންވާ ކަމަށެވެ. މ. މުލަކު ކައުންސިލްއާއެކު ބޭއްވި ބައްދަލުވުމުގައިވެސް އެ ވާހަކަ ދައްކާފައިވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މުލަކަށް ވެފައިވާ ވައުދުތައް ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް ރަނގަޅުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރައްވާނެ ކަމަށާއި އަދި ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައަކަތް ކުރައްވާނެ ކަމަށެވެ. މުލަކު މަސް ބަނދަރުގެ މަސައްކަތުގެ ސްޕީޑް ހަލުއިކޮށް މަސައްކަތް ނިންމަދީ އެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ބަނދަރު ބޮޑުކޮށް 1400 ފޫޓޫގެ ދިގުމިން ހުންނަގޮތަށް ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ

މީގެއިތުރުން މުލަކު މަގުތައް ހެދުމުގެ މަސައްކަތް ހިނގަނީ ވަރަށް ލަސްކޮށް ކަމަށާއި، މިދިޔަ ސަރުކާރު ނިމުނުއިރު ހުރިހާ ރަށެއްގައިވެސް މަސައްކަތްތައް ހުރީ އެފަދަގޮތަކަށް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އަލުން މަސައްކަތް ފަށަންޖެހޭ ތަންތަނުގެ އެ މަސައްކަތް ފެށުމާ، އަވަސްކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މުލަކުގެ ރަށްގިރުމުގެ މައްސަލަ، ކުނި މެނޭޖްކުރުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ގިނަ ރަށްތަކުގެ މަސައްކަތްތަކެއް ފެނަކައާ ހަވާލުކޮށްފައިވާކަން ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ ފެނަކައާ ހަވާލުކޮށްފައިވާ ގިނަ މަސައްކަތްތަކެއް ނުހިނގާ ކަމަށާއި، އެ ކުންފުނި "އިނދަޖެހުމުން" މަސައްކަތްތައް ހުއްޓިފައިވާ ކަމަށެވެ. ގިނަ ރަށްތަކެއްގެ މަސައްކަތްތައް ހުއްޓިފައިހުރިކަމަށާއި އެ މަސައްކަތްތައް ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"މިހުރިހާ ކަމެއް ކޮށްދޭނެ ވާހަކަ، އަދި ކޮށްދިނުމަށްޓަކައި ބައިވަރު މަސައްކަތްތަކެއް އެބަ ހިނގާ ވާހަކަ ދަންނަވަން ބޭނުން. ރައްޔިތުންނަށް އެ ޔަގީންކަން ދޭން ބޭނުން ތަކުރާރުކޮށް، އަނެއްކާވެސް ދަންނަވަން ބޭނުންވަނީ ދެންމެ މި ފާހަގަކުރި ކަންކަމާ އަދި ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެހެން ކަންކަން ހިމެނޭ ފަދައިން ހަމަ ހުރިހާ މަސައްކަތްތަކެއް، ހުރިހާ ކަމެއް ކޮށްދޭނެކަމުގެ ޔަގީންކަން އަނެއްކާވެސް ދެން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ކުރާ މަސައްކަތްތަކަކީ ރައްޔިތުންނާ ގާތުން ކުރާ ކަމަކަށް ހަދަން ބޭނުން ކަމަށާއި އެހެންނޫންނަމަ މަސައްކަތްތައް އަބަދުވެސް ތަކުރާރުކުރަންޖެހިފައި އޮންނަކަމަށެވެ. އަދި ބޭނުންވަނީ ލާމަރުކަޒު ކޮށްފައިވާ ނިޒާމު އަމަލީ ގޮތުން ތަންފީޒުކުރަން ކަމަށާއި ހަގީގީ މާނާގައި ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.