Last Updated: April 28, 11:56
Sunday, April 28, 2024
ޚަބަރު

މޫނަކަށް ކަނދުރާއަކަށް ނުބަލައި، ދައްކަންޖެހޭ ކޮންމެ ވާހަކައެއް ދައްކާނަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އަބްދުއްރަހީމް އަބްދުﷲ- ފޮޓޯ: ރައީސް އޮފީސް

މޫނަކަށް ކަނދުރާއަކަށް ނުބަލައި ދައްކަންޖެހޭ ކޮންމެ ވާހަކައެއް ދައްކަވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކަށް ބަހުގެ ހަމަލާތަކެއް ރައްދު ކޮށްފިއެވެ.

މ. މުލަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ކުރިއަށްގެންދެވި ބައްދަލުވުމުގައި އަބްދުއްރަހީމް، ކުރީގެ ރައީސް ޔާމީނަށް އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވަނީ، މިފަހުން ޕީއެންއެފްގެ ޖަލްސާއެއްގައި "މުއިއްޒު ސްޕީޑް" ކަމަށްބުނެ ރައީސް މުއިއްޒުއަށް ފާޑުކިޔާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވަނިކޮށެވެ.

މުލަކުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީނަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަމުން އަބްދުއްރަހީމް ވިދާޅުވީ، ފިތުނަފަސާދަ އުފެއްދުމަށް ރޭގަނޑާއި ދުވާލު ޕޯޑިއަމްތައް ބަހައްޓައިގެން އޯޑިއަންސްގައި ތިބެގެން ސުވާލު ކުރަމުންދާ ފަރާތްތަކަށްވެސް ގައުމަށް ހިދުމަތްކުރުމުގެ ފުރުސަތު ރައްޔިތުން ދެއްވި ކަމަށެވެ. އަދި އެ ފުރުސަތުގައި އެކަންކަން ނުކުރައްވާ، މިއަދު ސުލްހަވެރިކަމާއެކު ވެރިކަމެއް ކުރުމަށް ފެށުމުން، ފިތުނަފަސާދަ އުފެއްދުމަށް ކުރާ ކަންކަން ވާނީ ގައުމަށް ދެވޭ އަނިޔާއަކަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ދުލުގައި ހިފާ ދަންމަވަން އެއްގޮތަކަށްވެސް ހައްދަވާނެ ކަމެއް ނެތް." އަބްދުއްރަހީމް ވިދާޅުވިއެވެ

ކުރީގެ ވެރިންނާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެ ވެރިން މަސައްކަތް ކުރެއްވިގޮތާ، އެ ވެރިންގެ އަމަލުތައް ބެހެއްޓެވިގޮތާއި ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވި މިންވަރު އަދި އެކަންކަމަށް ދެއްވި އިޖާބަ ފެނިފައިވާ ކަމަށެވެ. "ދުލުގައި ހިފާ ނުދެމުމަށް" އެދެެނީ އެހެންވެ ކަމަށާއި، އެގޮތަށް ދުލުގައި ހިފާ ދެމުމުން ތަންކޮޅެއް ގިނައިިން ވާހަކަތައް ދެއްކޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ކޮންމެ ކަމެއްގައި ވެސް އޮންނާނެ ހައްދެއް، އިމެއް. އެ ހައްދުން ނެއްޓިގެން އިމުން ބޭރަށް ދިޔައިމާ، ދެން ކުރިމަތިވާނެ ކަންތައްތައް އަމިއްލައަށް އިހުސާސް ނުކުރެވޭ ކަމަށްވާނަމަ އަޅުގަނޑު އެއަށް ދަންނަވާނެ އެއްޗެއް ނެތް."

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ދިފާއު ކުރައްވާނެ ކަމަށާއި އެކަމަށްޓަކައި ކުރަންޖެހުނު ކޮންމެކަމެއް އަދި ދައްކަންޖެހުނު ކޮންމެ ވާހަކައެއްވެސް ދައްކާނެ ކަމަށާއި ހަގީގަތް ހާމަކުރުމަށް ކުޑަކޮށްވެސް ޖެހިލުން ނުވާނެ ކަމަށެވެ. ތެދުވެރިކަމާއެކު ކަންހިނގާފައިއޮތްގޮތް ރައްޔިތުންނަށް ބަޔާންކުރުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށްވެސް ވިދާޅުވިއެވެ. ދައްކާނެހާ ވާހަކައެއް ދައްކަންދެން ކަމުގެ ހަގީގަތް އެނގޭ މީހުން ހަނުތިބެދާނެ ކަމަށް އެއްވެސް ބޭފުޅަކު ހީކޮށްގެން ނުވާނެ ކަމަށާއި، އެގޮތަށް މަޑުން ނުތިބޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ދައްކަންޖެހޭ ކޮންމެ ވާހަކައެއް ދައްކާނަން. މޫނަކަށް ކަނދުރާއަކަށް އަޅުގަނޑުމެނެއް ނުބަލާނަން. އަޅުގަނޑުމެނަށް ލޮލުކުރިމަތިން ފެނިފައިހުރިކަމެއް، އަތުން ހިފާފަހުރި ކަންތައްތައް އެކަންތައްތަކުގެ ވާހަކަ ދައްކަންފެށީމާ، ދެން އެއްގޮތަކަށްވެސް ކޯފާވެވަޑައިގެން ޖެއްސުންކުރުމުގެ މަސައްކަތް ކުރައްވާނެ ކަމެއް ނެތް." އަބްދުއްރަހީމް ވިދާޅުވިއެވެ.

މިފަހަކަށްއައިސް ރައީސް މުއިއްުޒގެ ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތަކާއި ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކާމެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރުންވަނީ އިތުރުވެފައެވެ.