Last Updated: April 28, 17:29
Sunday, April 28, 2024
ޚަބަރު

ބަޔާން ބާތިލުކުރަން އެލްޖީއޭ އަށް ނޭންގޭނެ: އޭޖީ

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް- ފޮޓޯ: ރައީސް އޮފީސް

ކައުންސިލްތަކުން ނެރޭ ނޫސްބަޔާން ބާތިލުކުރުމަށް ލޯކަލް ގަވާމަންޓު އޮތޯރިޓީ (އެލްޖީއޭ) އަށް ނޭންގޭނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އެކި ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއްގައިވަނީ އެ ދަތުރުތަކަކީ ކެމްޕޭން ހަރަކާތަކަށް ދައުލަތް ބޭނުންކުރުން ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން އެ ނޫސްބަޔާން ބާތިލުކުރުމަށް އެ ކައުންސިލަށް އެލްޖީއޭއިން އެންގިއެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޖީ އުޝާމް ވިދާޅުވީ ކައުންސިލަކުން ނޫސްބަޔާނެއް ނެރުމުން، އެ ނޫސްބަޔާން ބާތިލުކުރަން އެލްޖީއޭއަށް އެންގިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ބަޔާނެއް ބާތިލުކުރަން އެންގުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އެލްޖީއޭއަށް އެގޮތަށް އަމަލުކުރެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް މިހާރު ދަންނަވާފައިވާނެ ކަމަށެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ނޫސްބަޔާން ބާތިލުކުރުމަށް އެލްޖީއޭއިން އެންގިނަމަވެސް އެ ކައުންސިލުން އެކަން ކޮށްފައެއްނުވެއެވެ.