Last Updated: November 22, 01:53
Thursday, November 21, 2024
ޚަބަރު

ހަނިމާދޫ-ޓްރެވިންޑްރަމް ދަތުރު އަލުން ފަށަނީ

ޤައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓެއް: ފޮޓޯ - ޕީއެސްއެމް

ޤައުމީ އެއާލައިން މޯލްޑިވިއަންއިން ހަނިމާދޫއާއި ޓްރެވިންޑްރަމް ދެމެދު ދަތުރުތައް އަލުން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވިއަންއިން ހާމަކޮށްފިއެވެ.

މޯލްޑިވިއަންއިން މިކަން ހާމަކޮށް ނެރުނު ނޫސްބަޔާނުގައި ބުނީ، މި ދަތުރުތައް އަލުން ފެށުމަށް ރާވާފައިވަނީ އަންނަ އެޕްރީލް މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ އުތުރުގެ ދަތުރުފަތުރު ހަރުދަނާކޮށް އެ ސަރަހައްދުން އެހެން މުހިންމު އެހެން ސަރަހައްދުތަކާއި ގުޅުވައި އަދި ދެ ޤައުމު ދޭތެރޭ އޮތް ގުޅުން ހަރުދަނާ ކުރުމަށް އެޅިގެންދާ ފިޔަވަޅެއް ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

ހަނިމާދޫއިން ޓްރެވިންޑްރަމަށް މީގެ ކުރިންވެސް މޯލްޑިވިއަންއިން ދަތުރުތައް ކުރިއަށް ގެންދިޔައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރާތީ އެ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

މި ދަތުރުތަށް އަލުން ފެށުމާއި ގުޅޭގޮތުން މޯލްޑިވިއަން ކުންފުނީގެ މޭނޭޖިންގް ޑިރެކްޓަރ އިބްރާހިމް އިލްޔާސް ވިދާޅުވީ، މިއީ އެއާލައިނުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް މުހިންމު ރޫޓެއް ކަމަށެވެ. ހާއްސަކޮށް އުތުރު އިޤްތިޞާދީ ތަރައްޤީއަށް މި ރޫޓުގެ މުހިންމުކަން ފާހަގަކޮށް އޭނާ ވިދާޅުވީ، މީގެ ސަބަބުން ފަރުތުވެރިކަމާއި އަދި ރާއްޖޭގެ އިޖްތިމާޢީ-އިޤްތިޞާދު އިތުރަށް ކުރިއަރައިގެން ދާނެ ކަމަށެވެ. މި ދަތުރުތަށް ފެށުމުގައި މިކަމުގައި އެހީތެރިވި ފަރާތްތަކަށް ޙާއްސަކޮށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއަށް އޭނާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

މޯލްޑިވިއަންއިން މި ރޫޓުގައި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ދެދުވަހުއެވެ. އެއީ ކޮންމެ ހުކުރު އަދި ހޯމަ ދުވަހެއްގައެވެ. މި ދަތުރުތަކުގައި ބޭނުން ކުރަނީ ޑޭޝް-8 މަތިންދާ ބޯޓެވެ. ދަތުރުތަކަށް ޓިކެޓް ވިއްކަން މިއަދުން ފެށިގެން ފަށާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

މި ދަތުރުތަކާއިއެކު މޯލްޑިވިއަންގެ ފުޅާވަމުންދާ ދަތުރު ރޫޓުތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަންއިން ޤަބޫލު ކުރެއެވެ. އަދި މިއީ ދެކުނު އިންޑިއާގެ ރާއްޖެ ގުޅުވައި ސަޤާފީ ތަރީޙީ ގުޅުންތަކާއި އެކު ވިޔަފާރިއަށްވެސް ފުރިހަމަ ކަމެއް ގެނުވާނެ ދެ ޤައުމަށްވެސް ފަހިކަން ލިބޭނެ ދަތުރުތަކެއް ކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ.