ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ ގޮތުގައި ރާއްޖެ ދެމިތިބެވޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާޙިމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައިސަލް މިހެން ވިދާޅުވެފައިވަނީ މިހާރު ޖަރުމަންވިލާތުގައި ކުރިއަށްދާ އައިޓީބީ ބާލިން ފެއާގެ ޕްރެސް މީޓުގައި ވާހަކަ ދައްކަވަމުންނެވެ. ޕްރެސްމީޓުގެ ބައިވެރިންނާއި މުހާތަބް ކުރައްވާ މިނިސްޓަރ ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވަރު ހާމަކުރައްވާފައެވެ. އެގޮތުން ދެހެއްޓެނިވި ތަރައްޤީއަށާއި ތިމާވެށި ހިމާޔަތް ކުރުމަށް އަދި އަދި ގުޅުން ވަރުގަދަ ކުރުމުގެ މައްޗަށް މި ތަޞައްވަރުގައި ހާއްސަ އިސްކަމެއް ދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
މިގޮތުން ރާއްޖޭގެ ފަތުރުވެރިކަން މަޝްހޫރުވެފައިވަނީ، އަގުބޮޑު ރިސޯޓުތަކާއެކު ކަމަށާއި ނަމަވެސް އެއަށްވުރެ ސިންދަފާތުވެފައިވާ ތަޖުރިބާއެއް ޒިޔާރަތްކުރާ ފަރާތްތަކަށް ދިނުމަށް ތައްޔާރައް އޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަން ކުރަނީ ރައްތަަކަށް ދެމެހެއްޓެނި ކުރިމަގެއް އޮންނަ ގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ލަގްޒަރީ ރިސޯޓުތަކުގެ އިތުރުން ރަށްތަކުން ރާއްޖެވަންތަ ތަޖުރިބާއެއް ކޮށްލުމަށް ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރަން މިހާރު ފަހި ފުރުސަތެއް އޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަތީ ފަންތީގެ ޚިދުމަތާއިއެކު އީޖާދީ ވިސްނުންތަކެއްގައި ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރައި ތަރައްޤީ ކުރެވޭނެ ކަމަށް މިނިސްޓަރ ފައިސަލް ވިދާޅުވިއެވެ.
އައިޓީބީ ބާލިން ފެއަރ އަކީ ދުނިޔޭގައިވެސް އެންމެ ބޮޑު އެއް ޓްރެވެލް ޓްރޭޑް ފެއަރއެވެ. މި ފެއާގައި ކޮންމެ އަހަރަކުވެސް ރާއްޖެއިން ދަނީ ބައިވެރިވަމުންނެވެ. މި ފެއާއަށް ދައިރާގައި ހަރަކާތްތެރިވާ 160،000 އަށް ވުރެ ގިނަ ފަރާތްތަކުން ޒިޔާރަތް ކުރާ ކަމަށް ލަފާ ކުރެއެވެ. މި ފެއާގެ ތެރެއިން މި ސިނާޢަތުގެ ވިޔަފާރި ގުޅުންތައް ބަދަހިކޮށް އިތުރު ފުރުސަތުތަކެއް ލިބި އެކި މަންޒިލްތައް ޕްރޮމޯޓް ކުރުމަށް ފުރުސަތު ލިބިގެން ދެއެވެ.
ޖަރުމަންވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގަދަ 10 މާކެޓުގެ ތެރޭގައި އަބަދުވެސް ދެމި އޮންނަ ޤައުމެކެވެ. އެގޮތުން މިއަހަރު މިހާތަނަށް 27،500 އަށް ވުރެ ގިނަ ފަތުރުވެރިން އެ ޤައުމުން ވަނީ ޒިޔާރަތްކޮށްފައެވެ.