Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

މުލިއާގޭގައި ކަރޯކޭ ސިސްޓަމެއް ނުހުންނާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ދިރިއުޅުއްވަމުން ގެންދަވާ މުލިއާގޭގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ކަމަށް ބުނެ ފޮޓޯއަކާ އެކީ ފެތުރި ވާހަކަތަކަށް ރައީސް އޮފީހުން ރައްދު ދީފި އެވެ.

ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ކަރޯކޭ ކުޅުއްވުމަށް ދައުލަތުގެ މާލިއްޔަތުން ހަރަދުކޮށްގެން މުލިއާގެ އަށް ގަތް އަގުބޮޑު ކަރޯކޭ ސިސްޓަމު ގަނެފައިވާ ކަމަށް ބުނެ އޮންލައިން ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކަރޯކޭ ސިސްޓަމަށް ވިޔަފާރަވެރިޔާ އަދި ރައީސްގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖަނާހު 100،000 ޑޮލަރު ފަންޑު ވެސް ކޮށް ދެއްވާފައިވެ އެވެ.

މި ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރައީސްގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓިކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެއްކަމަށެވެ.

"މިިއީ އެއްވެސް ދުވަސްވަރެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލާއިން ގޭތެރޭގައި ކުރައްވާ ކަމެއް ވެސް ނޫން. އެފަދަ ދޮގު ވާހަކަތައް ފަތުރަން މަސައްކަތްކުރާތީ ފެންނަނީ، ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ފަހު، އެފަދަ ބޮޑެތި ޚިޔާނާތްތައް ފޮރުވަން މަސައްކަތްކުރާ ފަރާތްތަކުން." އޭނަ ވިދާޅުވި އެވެ.

ހަލީލު ވިދާޅުވީ ފޭ ކްފޮޓޯތައް މީޑިއާއަށް ނެރެ، އެފަދަ ދޮގު ތުހުމަތުތައް މީހުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރުވައިލުމުގެ ގޮތުންނެވެ.