Last Updated: April 28, 16:32
Sunday, April 28, 2024
ޚަބަރު

ކުރާނީ ރައްޔިތުންނަށް މުއްސަނދިކަން ލިބޭނެ ކަންކަން

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ކުރާނީ ރައްޔިތުންނަށް މުއްސަނދިކަން ލިބޭނެ ކަންކަން ކަމަށް ރައީސް ޑރ. މުހައްމަދު ވިދާޅުވެއްޖެ އެވެ.

މ. ދިއްގަރުގެ ރައްޔިތުންނާ އެކު މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް މުއްސަނދިކަން ހޯދައިދެވޭނެ ގޮތްތައް ފަހިކޮށްދިނުން ކަމަށާއި ކޮންމެ ކައުންސިލަކަށް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ދޭން ނިންމީ ވެސް އެކަމަށްޓަކާ ކަމަށެވެ.

ކައުންސިލަށް ލިބޭ ރަށުގައި އެކި ކަހަލަ އިންވެސްޓްމެންޓުތައް ހަދައިގެން މުއްސަނދިކަން ހޯދޭނެ ކަމަށާއި، ކައުންސިލްތަކާ އެކީ މަސައްކަތްކޮށްގެން މީގެ ބޭނުން ހިފަން ރައްޔިތުންނަށް ރައީސް އިލްތިމާސްކުރެއްވި އެވެ. ކައުންސިލަތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދޭނެ ކަމަށާއި އިގްތިސާދީ ކަންކަމަށް ކުރާ މަސައްކަތްތަކަށް ދޭންޖެހޭ ހުއްދަތައް ވީހާވެސް ފަސޭހައިން ލިބޭނެ ގޮތްތައް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންގެ އަތްޕުޅުގައި މިހާރު މިއޮތީ އެ މުއްސަނދިކަން ހޯދުމަށްޓަކާ މަސައްކަތް ފަށަން. އަޅުގަނޑުމެން ފުރިހަމަ އެއްބާރުލުން ދޭނަން، ފުރިހަމަ ފުރުސަތުތައް ދޭނަން އެކި ކަހަލަ ވިޔަފާރިތައް ކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުދި ވިޔަފާރިތައް ވެސް ކުރިއަރުވަންވީ ކަމަށާއި އަދި އޮންލައިން ވިޔަފާރިތަކަށް ވެސް ފަހި ގޮތްތަކަށް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ރައްޔިތުން މި ފުރުސަތުގެ ބޭނުން ހިފައިގެން، ރައްޔިތުން އެދޭ ވެރިކަން ކުރުމުގައި ރައްޔިތުން ބައިވެރިވާންވީ ކަމަށާއި އޭރުން މުއްސަނދިކަން އަމިއްލަ ނަފްސާއި، އާއިލާ އަދި އަމިއްލަ ރަށަށް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުން ވަނީ އެންމެ އިސްކަމެއް ދީގެން، މުއްސަނދިކަން ރައްޔިތުންނަށް ލިބޭނެ ކަންކަން ކޮށްދޭން،" ރައީސް ވިދާޅުވި އެވެ.