Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

"އެ ހަނދާނުގައި" މި ރޯދަ މަހު ފެންނާނެ

ދައުލަތުގެ މީޑިއާ ޕީއެސްއެމުން ކުރިން ރޯދަ މަހު ބާއްވަމުން އައި މަގުބޫލު ލަވަ ޝޯ "އެ ހަނދާނުގައި" މި އަހަރު ބާއްވަން ނިންމައިފި އެވެ.

މި ޝޯ އަލުން ބާއްވަން މި ނިންމީ 7 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. "އެ ހަނދާނުގައި" އެންމެ ފަހުން ބޭއްވީ 2016 ގަ އެވެ.

މި ޝޯ އަލުން މި އަހަރު ބާއްވަން ނިންމައި އޭގައި ބައިވެރިވާ ފަންނާނުންނާ އެކީ މިއަދު ވަނީ ސޮއި ވެސް ކޮށްފަ އެވެ. މި ފަހަރުގެ ޝޯގެ ފަސް އެ އެޕިސޯޑް ގެނެސްދޭން ނިންމާފައި ވަނީ ފަސް ފަންނާނުންނަކަށް ހާއްސަކޮށްގެންނެވެ. އެ ފަސް ފަންނާނުންނަކީ މެޒޯ މުހައްމަދު، އައްފާން، އީސަ، އައިޝަތު އިނާޔާ އަދި ފަސީ އެވެ.

މި ފަންނާނުންނާ އެކީ ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރެވެ.

"އެ ހަނދާނުގައި" އެޕިސޯޑްތައް ޕީއެސްއެމުން ގެނެސްދޭނީ ދައްކާނީ ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 11:00 ގަ އެވެ. ޝޯ ކުރިއަށް ގެންދާނީ ލައިވް އޯޑިއަންސާ އެކީ، ވަގުތުން ގެނެސްދޭ ތަށެވެ.

"އެ ހަނދާނުގައި" އަކީ 2004 ގައި ތައާރަފުކުރި ޝޯއެކެވެ.