Last Updated: April 28, 09:50
Sunday, April 28, 2024
ޚަބަރު

ސަރުކާރަށް އަސަރުކޮށްފި، ޔާމީން މިނިވަންވުމުން ބުއްދި ގޯސްވާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވާ ވާހަކަފުޅުތަކުން މިހާރުވެސް ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އަސަރުކުރަމުންދާ ކަމަށާއި އެމަނިކުފާނު މިނިވަންވީ ދުވަހަކުން އެ ބޭފުޅުންގެ ބުއްދި ގޯސްވާނެ ކަމަށް ޔާމީންގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ޔާމީނަށް އަމާޒުކޮށް ބަހުގެ ހޫނު ހަމަލާތަކެއް މިއަދު ރައްދުކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.

އަދުރޭ އަށް ރައްދު ދެއްވަމުން ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީނަކީ ސިޔާސީ މައިދާނުގެ ރަސްގެފާނުކަން އެނގިގެންގޮސްފައިވާ ކަމަށާއި ސަރުކާރުގެ ބޭފުޅުންނަށް ކޮށްލާ އަސަރު ފެންނަމުންދާ ކަމަށެވެ.

"އަދި މިނިވަންވީ ދުވަހަކުން ޖާހިލުން ބުއްދި ގޯސްވެ އަމިއްލަޔަށް އޮރިޔާންވެސް ވެދާނެ،" ޖަމީލު ވިދާޅުވި އެވެ.

މ. މުލަކުގައި މިއަދު ބޭއްވި ޖަލްސާގައި ޔާމީނަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަމުން އަދުރޭ ވިދާޅުވީ، ފިތުނަފަސާދަ އުފެއްދުމަށް ރޭގަނޑާއި ދުވާލު ޕޯޑިއަމްތައް ބަހައްޓައިގެން އޯޑިއަންސްގައި ތިބެގެން ސުވާލު ކުރަމުންދާ ފަރާތްތަކަށްވެސް ގައުމަށް ހިދުމަތްކުރުމުގެ ފުރުސަތު ރައްޔިތުން ދެއްވި ކަމަށެވެ. އަދި އެ ފުރުސަތުގައި އެކަންކަން ނުކުރައްވާ، މިއަދު ސުލްހަވެރިކަމާއެކު ވެރިކަމެއް ކުރުމަށް ފެށުމުން، ފިތުނަފަސާދަ އުފެއްދުމަށް ކުރާ ކަންކަން ވާނީ ގައުމަށް ދެވޭ އަނިޔާއަކަށް ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ދުލުގައި ހިފައި ނުދަމަން ވެސް އަދުރޭ ވަނީ އިންޒާރު ދީފަ އެވެ.

"ދައްކަންޖެހޭ ކޮންމެ ވާހަކައެއް ދައްކާނަން. މޫނަކަށް ކަނދުރާއަކަށް އަޅުގަނޑުމެނެއް ނުބަލާނަން. އަޅުގަނޑުމެނަށް ލޮލުކުރިމަތިން ފެނިފައި ހުރި ކަމެއް، އަތުން ހިފާފަހުރި ކަންތައްތައް އެކަންތައްތަކުގެ ވާހަކަ ދައްކަންފެށީމާ، ދެން އެއްގޮތަކަށް ވެސް ކޯފާވެވަޑައިގެން ޖެއްސުންކުރުމުގެ މަސައްކަތް ކުރައްވާނެ ކަމެއް ނެތް." އަދުރޭ ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ. އެ މައްސަލަގާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށްވީ ނަމަވެސް ހުކުމް އިއްވުމަށް އަޑުއެހުން ބާއްވާނެ ތާރީހެއް ހައިކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.