Last Updated: April 28, 18:59
Sunday, April 28, 2024
ދުނިޔެ

ޔޫރަޕްގައި "ޕެރޮޓް ފީވާ" ފެތުރެނީ

ދޫނިސޫފާސޫފީގައި އެކުލެވޭ ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ "ޕެރޮޓް ފީވާ" މިހާރު ޔޫރަޕްގެ އެކި ގައުމުތަކުގައި ފެތުރެމުންދާތީ އެކަމަށް ސަމާލުވާން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗް އޯން އެދިއްޖެ އެވެ.

އެތަނުން އިއްޔެ ބުނީ އެ ބަލި ޔޫރަޕްގެ އެކި ގައުމުތަކުން މިހާރު ފެންނަމުންދާ އިރު، މިހާތަނަށް ޕެރޮޓް ފީވާ ޖެހިގެން ފަސް މީހަކު މަރު ވެސް ވެފައިވާ ކަމަށެވެ. ޕެރޮޓް ފީވާ ފެތުރެން ދިމާވާ ސަބަބުތަކުގެ ތެރޭގައި ދޫނިތަކާ މާ ދޯޅުކޮށް އުޅޭ ނަމަ އެ އެއްޗެހި ނޭވާލާ އިރާއި އެ އެއްޗެހީގެ ނަޖިހުގެ ސަބަބުން ބަލިޖެހެ އެވެ.

މީގެ ސަބަބުން ހުން އައިސް އެ ހުން 5-14 ދުވަހަށް ދެމިގެން ދިއުމާއިގެ ގައިގެ މަސްތަކުގައި ރިއްސުމާއި ބޮލުގައި ރިއްސުމާއި ހިކިކޮށް ކެއްސުން ފަދަ ކަންކަން ކުރިމަތިވެ އެވެ.

ޑަބްލިއުއެޗްއީ އިން ވަނީ ބަލި ފެތުރެމުންދާތީ އެކަން ކޮންޓޯލްކުރުމަށްޓަކައި އޮޅުކޮށްގެން ގެންގުޅޭ ދޫނިތަކާއި އަދި އެ ނޫން ވެސް ދޫނިތަކާ ދޯޅުވުން މަދުކުރުމަށް އިލްތިމާސްކޮށްފަ އެވެ. ޕެރޮޓް ފީވާ ޖެހެނީ އާންމު ގޮތެއްގައި ސީދާ ދޫނީގެ ފަރާތުން ކަމަށް ވިޔަސް، މި ބަލި ޖެހިފައިވާ މީހުންގެ ފަރާތުން އެހެން މީހުންނަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަށް ދިރާސާތަކުން މިހާރު ދައްކަ އެވެ.

ޕެރޮޓް ފީވާ ޔޫރަޕުން ފުރަތަމަ ފެނުނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން އޮސްޓްރިއާ، ޑެންމާކް، ޖަރުމަން އަދި ސްވިޑްން ފަދަ ގައުމުތަކުގައި ކޭސްތައް އިތުރުވަމުންދާކަން ފާހަގަކުރެވެ އެވެ.