Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކުރަން ރާއްޖޭން ގޮވާލައިފި

ޑރ. އަލީ ނަސީރު މުޙައްމަދު

އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާ ކުރުމަށް ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގައި ގޮވާލައިފި އެވެ.

ރާއްޖެއިން މިގޮތަށް ގޮވާލާފައިވަނީ، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް މިހާރު ކުރަމުން ގެންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމާ ގުޅޭގޮތުން އ.ދ. އާންމު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ރާއްޖޭގެ ފަރާތުން ޝާޒޭ ދެ ފެއާ އެމްބެސެޑަރ ޑރ. އަލީ ނަސީރު މުހައްމަދު ދެއްކެވި ވާހަކަފުޅުގަ އެވެ.

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވައިލުމަށް ލާޒިމު ކޮށް ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު 20 ފެބްރުއަރީ ގައި ވީޓޯ ކުރުމާ ގުޅިގެން އެ މައްސަލަ ބަހުސް ކުރުމަށް އ.ދ. ގެ އާންމު މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަސީރު ވިދާޅުވީ އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ބޭނުންކުރުމުގެ ސަބަބުން އިޒްރާއީލުން ހިންގާ އަމަލުތައް ކުރިއަށް ގެންދިއުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

އަދި 29 ފެބްރުއަރީގައި ހިނގާ ދިޔަ ހާދިސާގައި އިޒްރާއީލުން ފަލަސްތީނުގެ ސަތޭކައަށް ވުރެ ގިނަ ރައްޔިތުން މަރާލައި، ޒަޚަމް ކޮށްފައިވާ ކަމަށާއި ފަލަސްތީނުގެ ރައްޔިތުން ފެނާއި ކާބޯތަކެތި އަދި އަސާސީ ބޭނުންތަކުން މަޙްރޫމް ކުރުމަށް ފަހު އިޒްރާއީލުން އެ މީހުން މަރަމުން ގެންދިއުމަށް ހުއްޓުމެއް ނުގެނެވުމަކީ މުޅި ދުނިޔެ އެކަމާ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ނަސީރު ވަނީ އިޒްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިނގަމުންދާ ޖެނޮސައިޑް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އ.ދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލާފަ އެވެ. އަދި އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓުވައި ޖަވާބުދާރީކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ވެސް ވަނީ ގޮވާލާފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 30،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.