Last Updated: April 27, 20:44
Saturday, April 27, 2024
ޚަބަރު

މިސްރާބު ހަމަމަގަށް އަޅުވަން އެންމެ ކުރީގައި އައްޑޫ އޮންނާނެ

ރާއްޖޭގެ މިސްރާބު ހަމަ މަގަށް އަޅުވަން އެންމެ ކުރީ ސަފުގައި އައްޑު ސިޓީ އޮންނާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކެމްޕޭނަށް މިއަދު އައްޑޫ އަށް ވަޑައިގަތުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އައްޑޫ އަކީ އަބަދުވެސް އިސްލާހީ ފިކުރު އުފަން ވެގެން އަންނަ ސިޓީއެއް ކަމަށާއި އައްޑުއާ އެމްޑީޕީ ވަތްކެއް ނުކުރެވޭނެ ކަމަށެވެ. އަދި އައްޑޫގައި އަބަދުވެސް އެމްޑީޕީގެ ދިދަ ވިހުރުވޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މިސްރާބު ހަމަ މަގަށް ގެނައުމަށް ވެސް އައްޑޫ ސިޓީ ވެގެންދާނީ އެންމެ ކުރީ ސަފަށް ނިކުންނަ ސިޓީއަކަށް،" ޝާހިދު ވިދާޅުވި އެވެ.

އައްޑު އަށް ވަޑައިގެން ޝާހިދު ގެންދަވަނީ އައްޑޫގެ އެކި އަވަށްތަކަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ ކެމްޕޭނު ޓީމުތަކާ ބައްދަލުކުރައްވަމުންނެވެ.

ޝާހިދު އައްޑޫ އަށް ވަޑައިގެންފައިވާއިރު މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގެންދަވަނީ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގެންގުޅޭ ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް 21 ގަ އެވެ.