Last Updated: November 27, 11:56
Wednesday, November 27, 2024
ޚަބަރު

ރޯދަ މަސް ކުޅިވަރުގެ މަހަކަށް ނަހަދަން އެދިއްޖެ

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ރޯދަ މަހު ވެސް ތިނަދޫގައި ކުޅިވަރާއި މުނިފޫހި ފޮލުވުމުގެ ހަރަކާތްތައް ނިހިންގަން ތިނަދޫ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.

މިކަމާ ގުޅޭ ގޮތުން އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ރޯދަ މަހުގެ ކަންކަން ރާވަން ވާނީ ވީހާ ވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި ޢާދަކާދަ އާއި އުޞޫލުތައް އާލާވާން ފުރުޞަތު ފަހިކުރެވޭ ގޮތަށް ކަމަޑެވެ. އެހެންވެ ރޯދަ މަހުގެ ދުވާލާއި އަދި ވަކިން ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެއްވެސް ބާވަތެއްގެ ކުޅިވަރު ޙަރަކާތްތަކާއި މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް އިންތިޒާމްކޮށް ނުހިންގުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެ އެވެ.

ކައުންސިލުން ބުނީ މި އަހަރުގެ ރޯދަ މަހަކީ ވެސް ވީހާ ވެސް ބޮޑަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި ޢާދަކާދަ އާއި އުޞޫލުތައް އާލާވާން ފުރުޞަތު ފަހިވާ ޚާއްޞަ ދުވަސްތަކަކަށް ހަދައި ދެވޭތޯ ތިނަދޫ ކައުންސިލުން އަދާކުރަން ޖެހޭ ދައުރު އަދާކުރަމުން އަންނާނެ ކަމަށެވެ.

އެހެންވެ ބައެއް ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވެ އެވެ. އެގޮތުން ރަށުގައި ހުރި ތަޢުލީމު ފޯރުކޮށްދޭ ތަންތަނާއި، ސަރުކާރާއި އެނޫން ވެސް އެހެނިހެން މުއައްސަސާތަކުންނާއި، ވިޔަފާރިވެރީންނާއި، ކުލަބު ޖަމިއްޔާ ޖަމާޢަތްތަކުންނާއި، އެކިއެކި ރަސްމީ އަދި ނުރަސްމީ ޓީމުތަކާއި ގްރޫޕްތަކުންވެސް ރަމަޟާން މަހާ ކުރިމަތިލާ އިރު ރޯދަ މަހުގެ މަގުސަދު ޙާޞިލްކޮ ށްދިނުމަށް އެކަކު އަނެކަކަށް މަގުފަހި ކުރެވޭނޭހެން އެންމެހާ ކަމެއް ތަރުތީބުކޮށް އިންތިޒާމް ކުރުމަށް ހާއްސަ ސަމާލުކަނެއް ދިނުމަށް އެދިފައިވެ އެވެ.

ތިނަދޫ ކައުންސިލުން ބުނީ ރޯދަ މަހު ކަސްރަތާއި ސިއްހީ ބޭނުންތަކަށް ޙަރަކާތްތެރިވާ ފަރާތްކަށް މަގުފަހިކޮށް ދިނުމަށްޓަކައި ރަށުގައިހުރި ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑުގެ ކަނޑައެޅޭ ވަގުތުތަކުގައި އާންމުކޮށް ހުޅުވާފައި ބަހައްޓާނެ ކަމަށެވެ.

އަދި ކައުންސިލްގެ އެންގުމަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި، ޤގަޞްތުގައި އުސޫލުތަކާ ޚިލާފަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކަށް އެއިން އެއްވެސް ކަމެއްގައި ކައުންސިލް އިދާރާއިން އެއްބާރުލުން ނުލިބޭނެ ކަމަށް ބުންޏެވެ. އަދި އެންގުމާ ޚިލާފަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ޙާލަތުގައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ތިނަދޫ ކައުންސިލުން ބުންޏެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހަފުތާގެ ހޯމަ ދުވަހެވެ.