ބަނދަރު ހެދުމާއި ބިން ހިއްކުމާއި މަގުތައް ހެދުން ފަދަ އުމްރާނީ މަސައްކަތްތައް ކުރަމުން އަންނަ އެމްޓީސީސީން މަސްވެރިކަމާއި ޓޫރިޒަމް ދާއިރާ އަށް ވަންނަން ނިންމައިފި އެވެ.
އެ ކުންފުނިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ ވަރަށް އަވަހަށް މަސްވެރިކަމުގެ ވިޔަފާރި އަށް ވަންނާނެ ކަމަށެވެ.
"މި ކުންފުނިން މަސްވެރިކަމާ ގުޅޭ ސިނާއަތަށް ވެސް މަޑުމަޑުން އެބަ ވަންނަން. އޭގެ ތަފްސީލު ފަހުން ހާމަކުރާނަން." އޭނަ ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ވިޔަފާރި ފުޅާ ކުރުމަށް ކުރާ މަސައްކަތުން އެ ކުންފުންޏަށް ބޭނުންވާ ބޭރު ފައިސާ ވެސް އިތުރަށް ލިބޭނެ ކަމަށެވެ. އޭނަ ވިދާޅުވީ މި ސަރުކާރުން އެމްޓީސީސީ ހިންގަން ފެށި އިރު، ކުންފުނީގެ 85 ޕަސެންޓް އާމްދަނީ އަކީ ސަރުކާރުގެ ހިންކައިގެން ވަންނަ އާމްދަނީ ކަމަށެވެ. އެކަމަކު މިހާރު ކުންފުނި ހިންގުން ބަދަލު ކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ މަސްވެރިކަމާއި ޓޫރިޒަމް ސިނާއަތަށް އެމްޓީސީސީ ނުކުންނަ އިރު، މިއީ ރާއްޖޭގެ މައިގަނޑު ދެ ސިނާއަތެވެ. ހާއްސަކޮށް ޓޫރިޒަމެވެ.
އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު ހުސެއިން މުހައްމަދު މަނިކު ވިދާޅުވީ ކުންފުނީގެ ދަރަނި އަދާކުރުމުގައި ފައިސާ ލިބޭނެ އިތުރު ގޮތްތައް ހޯދުމަށް ޕްރޮޖެކްޓްތަކުގެ އިތުރުން ވިޔަފާރި ފުޅާކުރުމަށް ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެހެންވެ މަސްވެރިކަމުގެ އިތުރުން ޓޫރިޒަމް ދާއިރާއިން ވެސް ކުރެވޭނެ ކަންކަން ހުރި ކަމަށް ވިދާޅުވި އެވެ.
އެހެންވެ އެކަންކަން ބިޒްނަސް ޕްލޭންގައި ހިމެނޭ ކަމަށާއި، އެކަންކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ދާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
"މިހާރުގެ މެނޭޖްމެންޓުގެ ވިސްނުމަކީ ޓްރޭޑިން ޑިވިޝަނަކީ ވަރަށް ޑައިވާސިފައި ޕްރޮޑަކްޓްތަކެއް ގެންގުޅޭ ޑިވިޝަނެއްގެ ގޮތުގައި ޓްރޭޑިން ޑިވިޝަން ހެދުމަށް." އޭނަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޓޫރިޒަމް ދާއިރާ އަށް ބޭނުންވާ ފަޅުތައް ހިއްކައިގެން އިންވެސްޓަރުންނަށް ވިއްކައިގެން ވެސް އެ ކުންފުންޏަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ.
އެމްޓީސީސީން ކުރިން ރިއަލް އެސްޓޭޓް ވިޔަފާރި އަށް ވަންނަން އުޅޭކަން ވެސް އިއުލާންކޮށްފައިވެ އެވެ.