Last Updated: November 28, 10:42
Thursday, November 28, 2024
ޚަބަރު

އުރީދޫގެ ހިއްސާއަކަށް 3.27ރ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.27ރ. ބަހަން އުރީދޫ މޯލްޑިވްސް ގެ އަހަރީ އާންމު ޖަލްސާ އިން ރޭ ފާސްކޮށްފި އެވެ.

ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 123 މީހުންނާއި 60 ޕްރޮކްސީ ހޯލްޑަރުންނާ އެކީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ބޭއްވި އަހަރީ ޖަލްސާގައި އެގޮތަށް ފާސްވީ ހިއްސާދާރުންގެ 83 ޕަސެންޓުގެ ވޯޓުންނެވެ. އުރީދޫން މި ފަހަރު ބަހަން ނިންމީ އޭގެ ކުރީ އަހަރުގެ އަދަދަށް ވުރެ 23 ލާރި އިތުރު އަދަދެކެވެ. އެ ކުންފުނިން 2022 ގައި ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 3.04ރ. އެވެ.

ރޭގެ ޖަލްސާގައި އުރީދޫގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ވެސް ފާސްކޮށްފައިވެ އެވެ. އެ ކުންފުނިން ވަނީ މި އަހަރުގެ އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ ކަނޑައަޅައި، އުޖޫރައެއްގެ ގޮތުގައި 940،620ރ. ދިނުމަށް ކަނޑައަޅައިފަ އެވެ.

އާންމު މެމްބަރުންގެ ތެރެއިން އުރީދޫ ބޯޑަށް ބޭފުޅަކު ވެސް ރޭ އައްޔަންކުރި އެވެ. ވަނީ އައްޔަނު ކުރައްވާފަ އެވެ. އުރީދޫގެ ބޯޑަށް އާއްމު މެމްބަރުންގެ ފަރާތުން ކުރިމަތިލެއްވީ މުހައްމަދު ޝާހިދާއި ފަރީހާ ޝަރީފެވެ. އެ ދެބޭފުޅުންގެ ތެރެއިން ހިއްސާދާރުންގެ 1،053 ވޯޓާއެކު ބޯޑަށް ހޮވުނީ ޝާހިދެވެ. މިހާރު ވެސް ބޯޑުގައި އިންނަވާ ފަރީހާއަށް ލިބިވަޑައިގެންވީ 698 ވޯޓެވެ.

އުރީދޫން ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާންމުންނަށް ހިއްސާ ވިއްކަން ފެށީ 2016 ވަނަ އަހަރު އެވެ. އުރީދޫ މޯލްޑިވްސްގެ ރައުސުލްމާލުގެ މިހާރު 4.6 ބިލިއަން ރުފިޔާއަށް އަރަ އެވެ.