ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުމަށް ރައީސް ޑރ މުއިއްޒުއަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
މަޖިލިސް އިންތިޚާބުގެ ކެމްޕޭން "މިސްރާބު ހަމަމަގަށް" ގެ ތެރެއިން ގއ. ހޯނޑެއްދޫގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ސިޔާސީ ޚިޔާލު ތަފާތުވާ ފަރާތްތައް ސަރުކާރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާއިން ވަކިކުރުން ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. ޝާހިދު ވަނީ ސަރުކާރުން ވަޒީފާގެ ހައްގުތަކަށް އަރައިގަންނަ އިރު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ވަޒީފާޔާ ބެހޭ ޓްރައިބިއުނަލުން ފާރަވެރިވާން ޖެހޭ ކަމަށާއި، އެކަންކަން ހުއްޓުވަން ކުރަން ޖެހޭކަންކަން ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.
ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވީ ވަޒީފާގެ ބިރުދެއްކުން ހުއްޓުވައި، ސަރުކާރު ޖަވާބުދާރީ ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީއާ އެކު އިދިކޮޅުގައި އެމްޑީޕީ އޮވެގެން ކަމަށެވެ.
ޝާހިދު ވިދާޅުވީ ހުވަދޫގެ ރަށްތަކުން ދިމާވި ބައެއް ދިމާވި ބައެއް މީހުންނަށް މި ސަރުކާރުން ވަޒީފާގެ ބިރު ދައްކާކަމުގެ ކަންބޮޑުވުންޔައް ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ކެމްޕޭނުގައި އުޅޭތީ ވަޒީފާއިން ޑިމޯޓްކޮށްފައިވާ ފަރާތްތަކާއި، ކެމްޕޭނުގައި އުޅޭ ނަމަ ކަނޑާލާނެކަމުގެ އިންޒާރު ދީފައިވާ ބައެއް ފަރާތްތަކާ ދިމާވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެސްޓީއޯގެ ރީޖަނަލް ފާމަސީއެއްގެ މެނޭޖަރުގެ މަގާމުގައި ހުރި މުވައްޒަފަކު ރައީސް މުއިއްޒާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްތަކަކާ ގުޅިގެން އެސްޓީއޯ އިން މިދިޔަ ހަފުތާގައި މުވައްޒަފުގެ މަގާމު އެސްޓީއޯ ތިނަދޫ ފިހާރައިގެ ސްޓޮކް އޮފިސަރުގެ މަގާމަށް ޑިމޯޓްކޮށްފައިވެ އެވެ.