އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާފައިވާ އެސްކްރޯ އެކައުންޓުގައި ހުރި މިލިއަން ޑޮލަރު ހޯދަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުވާކުރެއްވި މައްސަލަ ބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން، ބޭންކުން ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އެކްސްކްރޯ އެކައުންޓްގައި ހުރި ފައިސާ ހޯދަން ޔާމީން ދައުވާ ކުރެއްވީ އެ ފައިސާއާ ގުޅިގެން ޔާމީންގެ މައްޗަށް ކުރި ދައުވާތައް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.ޔާމީންގެ ފަރާތުން ސިވިލް ކޯޓުގައި އެގޮތަށް އެދުމުން އޭސީސީ އާއި ބީއެމްއެލް އިން ވަނީ އެ ފައިސާ ދޭން ދެކޮޅު ހަދައިފަ އެވެ.
ޔާމީން ވިދާޅުވެފައި ވަނީ އޭސީސީއާ އެކީ ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން، އެއް އަހަރު ދުވަހުގެ ތެރޭގައި އެއީ ދައުލަތުގެ ފައިސާ ކަމަށް އެ ކޮމިޝަނަށް ކަނޑަނޭޅިއްޖެ ނަމަ އެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރަން ޖެހޭނެ އެވެ. އަދި ޔާމީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަނީ އެކްސްކްރޯ އެކައުންޓްގައި ހުރި ފައިސާ އަކީ ސިޔާސީ މަސައްކަތުން ލިބިފައިވާ ފައިސާ ކަމަށެވެ.
އެ މައްސަލަ ބެލުމުގެ އިހްތިސޯސް ސިވިލް ކޯޓަށް ލިބިގެންނު ވާ ކަމަށް އޭސީސީ އާއި ބީއެމްއެލް އިން ބުނި ނަމަވެސް ސިވިލް ކޯޓުން ވަނީ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅައިފަ އެވެ.
ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައި ވަނީ ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެ ންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ކަމަށް ދައުލަތުން ކުރި ދައުވާގައިވެ އެވެ. އެ މައްސަލައިގައި ރައީސް ޔާމީނަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ސުޕްރީމް ކޯޓުން އޮތީ ބާތިލްކޮށްފަ އެވެ.