ރޯދައާއި ދިމާކޮށް ގޭގެ ސާފުކޮށް މާލެ ސަރަހައްދުގެ މަގު މައްޗަށް ކުނި ނެރެފައިވާއިރު، އެ ކުނި މި ބުދަ ދުވަހުގެ ނިޔަލަށް ހިލޭ އުކާލަ ދޭން ނިންމާފައިވާ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯއިން ހާމަކޮށްފިއެވެ.
ވެމްކޯއިން މިކަން ހާމަކޮށް ބުނެފައިވަނީ، ރޯދައާއި ދިމާކޮށް ބޮޑު ކުނި އުފައްދާ މިންވަރު އިތުރުވެ އުކާލުމަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން ވެމްކޯއިން އެކަމަށް އެކުނިތައް ހިލޭ އުކާލަދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން 10 މާރިޗު ވީ އާދީއްތަ ދުވަހުގެ 18:00 އިން ފެށިގެން 13 މާރިޗު ވާ ބުދަ ދުވަހުގެ ރޭގަނޑު 12:00 ޖަހަން ދެން ޓްރާންސްފާ ސްޓޭޝަންތަކަށް ގެންނަ ކުނި ހިލޭ އުކާލަދޭނެ ކަމަށް ވެމްކޯއިން ވަނީ ހާމަކޮށްފައެވެ.
އަދި މިމުއްދަތަގައި އާންމުންގެ ކުނި ގެންނަ އުޅަނދުތަކަށް އެންޓްރީ-ފީ އަދި ޑިސްޕޯސަބަލް ޗާޖު ދައްކަން ނުޖެހޭނެ ކަމަށް ވެމްކޯއިން ބުނެއެވެ. އާންމުންނަށް ކުނި އުކާލެވޭނެ ފަސޭހަ ގޮތްތަކެއް ވެމްކޯއިން ހަމަޖެއްސިއިރު، މި މުއްދަތުގައި ވިޔަފާރިތަކަށް ލުއި ދީފައި ނުވެއެވެ. އެގޮތުން މިހާރަކޭ އެއްގޮތަށް ސްޓޭޝަނަށް ގެނެވޭ ކުނީގެ ބަރުދަނަށް ބަލައި ކިލޯއަކަށް 75 ރުފިޔާގެ މަގުން ޗާޖު ކުރެވޭނެ ކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން ކުނި އުކާލުމުގެ ޚިދުމަތް މި މުއްދަތުގައި ހިލޭ ދޭއިރު، ތެތް ކުނި ނުވަތަ އަވަހަށް ފަނާވާ ޒާތުގެ ކުނި އަދި އިމާރާތް ކުރުމާއި އިމާރާތް ތަޅާލުމުގައި އުފެދޭ ކުނި ނުނަގާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
ވެމްކޯއިން މާލެ ސަރަހައްދުގެ އާންމުންނަށް ހިލޭ ކުނި އުކާލެވޭނެ ގޮތް ހަމަޖައްސައި ދީފައި މިވަނީ މާލެ ސަރަހައްދުގެ މަގު މައްޗަށް ގޭގެއިން ނެރެފައިވާ ކުނި ޖަމާވެ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ބައެއް ގޭގެ ކައިރީ ޕޭވްވެމެންޓް ފުރާ ކުނި ޖަހާފައިވާއިރު، މި ކުނިތައް ނެގޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ގިނަ ބަޔަކު ދިޔައީ އެދެމުންނެވެ.
ވެމްކޯއިން ހިލޭ ކުނި އުކާލަ ދޭއިރު، މިއަދު ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ވުމާއެކު ޓްރާންސްފާ ސްޓޭޝަންތަކުގެ ޚިދުމަތް ފަށާނީ 14:00 ގައި ކަމަށް އެކުންފުނިން ބުނެއެވެ.