Last Updated: November 21, 19:53
Thursday, November 21, 2024
ޚަބަރު

އައްޑޫ ރައްޔިތުން ކާރިސާއެއްގެ ހާލަތުގައި ތިބެން ޖެހިދާނެ

އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ޕްރައިމަރީ ޖަލްސާގައި ވާހަކަ ދައްކަވަނީ / ފޮޓޯ: އައްޑޫލައިވް

އައްޑޫގެ ފެނާއި ކަރަންޓާއި ނަރުދަމާ ޚިދުމަތް ކަންބޮޑުވުން އޮތް މިންވަރަށް ނިކަމެތިވެ އަޕްގްރޭޑް ކުރަން ޖެހިފައިވާ ކަމަށް އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ނިޒާރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހާލަތު ވަނީ ކަންބޮޑުވުން އޮތް މިންވަރަށް ނިކަމެތިވެ، މަރާމާތާއި އަޕްގްރޭޑިންގްއަށް ބޭނުންވެފައިވާ ކަމަށެވެ. އެގޮތުން ތިން ނިޒާމުގެ ހުރި މައްސަލަތައް މޭޔަރ ވަނީ ފާހަގަކޮށްދެއްވާފައެވެ.

މޭޔަރު ވިދާޅުވި ގޮތުގައި އައްޑޫގެ ނަރުދަމާ ނިޒާމުގެ މައްސަލަ ޖެހި، ރަށު ތެރެއަށް ނަޖިސް ބޭރުވަމުންދާ ކަމަށެވެ. މީގެ އިތުރުން ފެނުގެ މައްސަލައެއް ޖެހިއްޖެ ނަމަ 2 ގަޑިއިރަށް ބޭނުން ކުރެވޭވަރަށްވެސް ފެނުގެ ރިޒާވެއް ނެތްކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މިހާރުވެސް ކަރަންޓު ދިނުން ހުއްޓުމަކަށް އައިސްފައިވާކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.


ނިޒާރު ވިދާޅުވީ މި ތިން ޚިދުމަތަކީވެސް ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ޚިދުމަތްތައް ކަމަށްވާއިރު، މިއީ ހަމައެކަނި ފެނަކައާއި އަޅުވައި ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ވިޔަފާރި އުސޫލުން ކުރިއަށް ގެންދަން ޖެހޭ ކަމެއްވެސް ނޫން ކަމަށް މޭޔަރ ވިދާޅުވިއެވެ.

" ފެނަކައާއި އަޅުވައި ދޫކުރެވިދާނެ ކަމެއްނޫން. މިކަމަކީ ވިޔަފާރި އުސޫލުން ދެވެންޖެހޭނެ ކަމެއްވެސް ނޫން. މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ އައްޑޫގެ ރައްޔިތުން ކާރިސާ ގެ ހާލަތުގައި ދިގުމުއްދަތަކަށް ތިބެންޖެހިދާނެ ކަމުގެ ބިރު އެބައޮތް." މޭޔަރ ނިޒާރު ވިދާޅުވިއެވެ.

އައްޑޫގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ޚިދުމަތް ދެމުން ގެންދަނީ ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށެވެ. މިގޮތުން ނަރުދަމާ ނިޒާމުން ބައެއް ސަރަހައްދުތަކުގެ މަގަށް ނަޖިސް ބޭރުވުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު، މިދިޔަ ޑިސެމްބަރު މަހު ސެންޓްރަލް ޑީސެލިނޭޝަން ޕްލާންޓުގެ މައްސަލައެއް ޖެހިގެން ގުޅިފައިވާ ހުރިހާ ރަށަކުން ފެނުގެ ޚިދުމަތް 2 ދުވަހަށް ވަނީ ކެނޑިގެން ގޮސްފައެވެ. އަދި މިހާރު އިންޖީނަކަށް މައްސަލައެއް ދިމާވުމުން ގުޅިފައިވާ ރައްތަކުން އެކި ސަރަހައްދުތަކުން ލޯޑު ބޮޑުވާ ގަޑިތަކުގައި ކަރަންޓު ކެނޑިދާނެ ކަމަށް ފެނަކައިން ވަނީ އަންގާފައެވެ.

ފެނަކަ ކޯޕަރޭޝަންއިން މީގެ ކުރިން ވަނީ މިފަދަ މައްސަލަތައް ކުރިމަތިވަނީ ޤަވާއިދުން ކުރަން ޖެހޭ މެއިންޓެނެންސްތައް ނުކޮށް ދޫކޮއްލާފައި ހުރުމުގެ ސަބަބުން ކަމަށް ބުނެފައެވެ.