މި އަހަރު ފެށުނު ފަހުން ރާއްޖެ އަށް އަންނަ އިންޑިއާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާތީ އެ ގައުމުގެ ޓޫރިސްޓުން އިތުރު ކުރަން މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް އެމްއެމްޕީއާރްސީން ބުނެފި އެވެ.
އެ ކުންފުންޏާއި ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ފާތުމަތު ތައުފީގު ވިދާޅިވީ ޖަރުމަންގެ ބާލިންގައި މަހުގެ 5-7 އަށް އޮތް އައިޓީބީ ފެއާގެ ތެރޭގައި ވެސް އިންޑިއާގެ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
އޭނަ ވިދާޅުވީ ކުރިއަށް އޮތް އޮފް ސީޒަންގައި ރާއްޖެ އަންނަ ޓޫރިސްޓުންގެ ނިސްބަތް އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ އިރު ދެތިން މަހެއްގެ ތެރޭގައި އިންޑިއާ މާކެޓް ރަނގަޅުވާނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާ މިހާރު އޮތީ އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ހަ ވަނައިގަ އެވެ. އަދި މި މަހުގެ 9 އާ ހަމައަށް އެ ގައުމުން އައިސްފައި ވަނީ 28،298 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 33 ޕަސެންޓްގެ ދަށްވުމެކެވެ.
އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އައުން ވަރަށް ބޮޑަށް މަދުވީ އިންޑިއާ އިން މިހާރު ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރަން ކެމްޕޭންތަކެއް ވެސް ހިންގަން ފެށުމާ ގުޅިގެންނެވެ. މި ކެމްޕޭން ފެށުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީޒު ނަރެންދުރަ މޯދީ އަށް ކުޑައިމީސްކޮށް ވާހަކަތަކެއް ދެއްކުމާ ގުޅިގެންނެވެ. އެހެންވެ އިންޑިއާ މީހުން ރާއްޖެ އަށް ދިއުމުގެ ބަދަލުގައި ރާއްޖެއާ އެއްކަލަ ގުދުރަތީ ސިފަތަކެއް ހުންނަ އެ ގައުމުގެ ދަށުގައި އޮންނަ ލަކްޝަދީޕަށް ދާން ގޮވާލައި އަންނަނީ ކެމްޕޭން ކުރަމުންނެވެ.
މި ކެމްޕޭނަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ވެސް ތާއީދުކޮށްފައިވެ އެވެ. ބޮއިކޮޓް ކެމްޕޭންގެ ކުރިން ރާއްޖެ އަކީ އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން ރާއްޖެ އަންނަމުން އައި ގައުމެކެވެ. އޭގެ ތެރޭގައި ރިޕީޓްކޮށް އަންނަ ތަރިން ވަރަށް ގިނަ އެވެ.