ކުރީގެ ސަރުކާރުން ރަށްރަށުގެ މަޝްރޫއުތައް ފެށީ ސިޔާސީ ބޭނުމުގައި ކަމަށް ވިދާޅުވެ، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ދެއްވައިފި އެވެ.
މަޖިލިސް ކެމްޕޭނަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން ށ. މާއުނގޫގައި އިބޫ ވިދާޅުވެފައި ވަނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ތަރައްގީއަށް ރަށްރަށުގައި ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއްހެން މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ.
މި ވާހަކަ އަށް ފޭސްބުކްގައި ރައްދު ދއްވަމުން ޒިޔާދު ވިދާޅުވީ، ކުރީގެ ސަރުކާރުން ފަސް އަހަރު ދުވަހުގެ ތެރޭގައި ފަށާފައިވާ މަޝްރޫއުތައް ފަށާފައި ވަނީ ސިޔާސީ ބޭނުމަށް ކަމަށެވެ. އަދި އެ މަޝްރޫއުތައް ފެށީ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހަމަޖެހިފައި ނެތް ހާލުގައި ކަމަށް ވިދާޅުވި އެވެ.
"ޕްރޮޖެކްޓުތަކަށް ސަޕްލައިކުރާ ކޮމްޕެނީ ތަކުން މެޓީރިއަލްސް ސަޕްލައި ކުރުވީ ކްރެޑިޓަށް. ނަމަވެސް ފައިސާ ދޭނެ ޕްލޭނެއް ނެތި." އޭނަ ވިދާޅުވި އެވެ. "އަދި ތެޔޮވެސް އެޅުވީ ކްރެޑިޓަށް."
ޒިޔާދު ވިދާޅުވީ އެމްޓީސީސީ އަށް މިހާރު ޖެހިފައި އޮތް ދަތި ހާލު ޖެއްސެވީވެސް ރައީސް ސޯލިހު ކަމަށެވެ. އެހެންވެ ގޯސް ފަލަ ސުރުހީ އަޅުއްވަން މަސައްކަތް ނުކުރުމަށް ގޮވާލައްވާފައިވެ އެވެ.