އެއަރ އެމްބިއުލާންސް މެދުވެރިކޮށް ދެ ހަފްތާ ތެރޭ 25 ދަތުރުކޮށްފައިވާ ކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަން އިން ހާމަކޮށްފިއެވެ.
އެއާރ އެމްބިލާންސް ޚިދުމަތް ރަސްމީކޮށް މިމަހުގެ 1 ވަނަ ދުވަހުގެ ފެށިއިރު އެ ޚިދުމަތުގައި ބޭނުން ކުރަމުންދަނީ މޯލްޑިވިއަންގެ ޑޭޝް-8-200 މަރުކާގެ ބޯޓެކެވެ. މިއީ މި އެމެޖެންސީ މެޑިކަލް އިވެކުއޭޝަން ޚިދުމަތް ދިނުމަށް ބަދަލުތަކެއް ގެނައުމަށް ފަހު ލިވެރީވެސް އެކަމަށް ބަދަލުކޮށްފައިވާ ބޯޓެކެވެ. މިއާއެކު މި ބޯޓުން މިހާތަނަށް 25 ދަތުރު މިއަދާ ހަމައަށް ކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ނެރުނު ނޫސްބަޔާނެއްގައި މިވަނީ ހާމަކޮށްފައެވެ.
އެ ބަޔާނުގައި ޤައުމީ އެއާލައިން މޯލްޑިވިއަންއިން ބުނެފައިވަނީ، މިހާރު ޚީދުމަތް ފުޅާ ކުރުމުގެ ގޮތުން އެއަރ އެމްބިލާންސް ފްލީޓަށް މޯލްޑިވިއަންއިން ބޭނުން ކުރަމުންދާ ޑީއެޗްސީ-6 ޓްވިން އޮޓަރ ސީޕްލޭން އިތުރުކޮށްފައިވާ ކަމަށެވެ. މިއާއެކު ޚިދުމަތް އިތުރަށް ފުޅާ ކުރެވިގެންދާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. މިއީ ސަލާމަތީގޮތުން ރައްކާތެރި އަދި އިތުބާރު ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ބޯޓެއް ކަމަށް މޯލްޑިވިއަނުން ފާހަގަ ކުރެއެވެ.
މޯލްޑިވިއަންގެ ސީއެމްބިއުލާންސް ޚިދުމަތް ދެމުންދާ ބޯޓުތަކަކީ މިހާރު ރާއްޖޭގެ ރައްތަކަށް ދަތުރު ކުރުމުގެ ޤާބިލްކަން ލިބިފައިވާ، ޒަމާނީ އިމަޖެންސީ މެޑިކަލް ވަސީލަތްތައް ހަރުކުރެވިފައިވާ ބޯޓުތަކެއް ކަމަށް މޯލްޑިވިއަންއިން ބުނެއެވެ. މޯލްޑިވިއަންގެ އެއަރ އެމްބިއުލާންސް ޑޭޝް މަތިންދާ ބޯޓަށް ރާއްޖޭގެ ޑޮމެސްްޓިކް ހުރިހާ އެއާޕޯޓަކަށް ވެސް ފްލައިޓު ޖެއްސޭ ކޮންމެ ގަޑިއަކުވެސް ދަތުރު ކުރެވޭނެއެވެ. ސީޕްލޭން އެމްބިއުލާންސް ބޭނުން ކުރާނީ ދުވާލު ގަޑީގައި ކަމަށް މޯލްޑިވިއަން ވަނީ ހާމަކޮށްފައެވެ.
އެއަރ އެމްބިއުލާންސް ޚިދުމަތަކީ މޯލްޑިވިއަން، މިނިސްޓްރީ އޮފް ހެލްތު، ޓްރާންސްޕޯޓް މިނިސްޓްރީ، މޯލްޑިވްސް ސިވިލް އެވިއޭޝަން، އެންސްޕާ އަދި އާސަންދަ ކުންފުނިން ގުޅިގެން ކުރިއަށް ގެންދާ ޚިދުމަތެކެވެ. މިއީ އިމެޖެންސީ ހާލަތުގައި ބަލިމީހުން އުފުލުމަށް ހާއްސަ ކުރެވިފައިވާ މުހިންމު ޚިދުމަތެކެވެ.