Last Updated: November 27, 06:09
Wednesday, November 27, 2024
ޚަބަރު

އައިވީއެފް ފަރުވާ އަށް ހުޅުވާލައިފި

ދަރިމައިވުމަށް ހޯދާ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އައިވީއެފާއި އައިޔޫއެމްގެ ފަރުވާ އާސަންދަ މެދުވެރިކޮށް އަށް ހުޅުވާލައިފި އެވެ.

އެންސްޕާ އިން ބުނީ އެކަމަށް އިއްޔެ އިން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި ފަރުވާ އަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމަށް އެދޭ ފޯމް އާސަންދަ aasandha.mv އާއި އެންސްޕާ nspa.gov.mv ގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ އެވެ. އަދި އާސަންދަ ޑިޖިޓަލް ޕޯޓަލް my.aasandha.mv މެދުވެރިކޮށް ފަސޭހަކޮށް ފޯމް ހުށަހެޅޭނެ އެވެ.

މި އެހީ ފަރުވާތަކަށް އެހީދޭނެ އުސޫލު އެންސްޕާ އިން މިދިޔަ މަހުގެ ތެރޭގައި އާންމުކޮށްފައިވެ އެވެ. އޭގައިވާ ގޮތުން އައިވީއެފް ފަރުވާ އެ ސްކީމުން ކަވަރު ކުރާނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އައިޔޫއައި ފަރުވާ ސްކީމުގެ ތެރެއިން ލިބޭނީ ތިން ފަރަށެވެ.

އެންސްޕާ އިން ބުނީ ފަރުވާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން މި އަހަރު އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސައި ދިނުމަށް ހަމަޖެހިފައި ވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށެވެ. އާސަންދަ ސްކީމް މެދުވެރިކޮށް "އައި.ވީ.އެފް"ގެ ފަރުވާ ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން މި ޚިދުމަތް ފޯރުކޮށް ދިނުމަށް އެމްޕެނަލްކުރެވޭ މަރުކަޒުތައް މެދުވެރިކޮށް ފޯރުކޮށް ދެވޭނެ އެވެ.

އެންސްޕާ އިން ބުނީ އެޖެންސީއަށް ފޯމު ލިބޭތާ ފަސް ދުވަހުގެ ތެރޭގައި ހުށަހަޅާފައިވާ ފޯމު ފުރިހަމަކަން، ނުވަތަ އިތުރު މަޢުލޫމާތާއި ލިޔެކިޔުން ބޭނުންވާ ނަމަ އެކަން އެސްއެމްއެސް ނުވަތަ އީމެއިލުން އަންގާނެ ކަމަށެވެ. އަދި ދި ފޯމު ފުރިހަމަކުރުމަށް ފަހު، އެޖެންސީއަށް ފޯމު ބަލައިގަންނަތާ ފަނަރަ ދުވަހުގެ ތެރޭގައި ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން، ފޯމު ހުށަހެޅި ފަރާތަށް އަންގާނެ އެވެ.

އެންސްޕާ އިން ބުނީ މެއި 15 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި، އައިވީއެފްގެ އެހީ ފޯރުކޮށް ދިނުމަށް މި އަހަރަށް ހަމަޖެހޭ ފަރާތްތަކަށް އެސްއެމްއެސް ނުވަތަ އީމެއިލްގެ މެދުވެރިކޮށް އަންގާނެ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ހާމަނުވާނެ ފަދަ ގޮތަކަށްލިސްޓު އާއްމުކޮށް ޝާއިޢު ވެސް ކުރާނެ އެވެ.

މި އަހަރު އެހީ ހަމަނުޖެހޭ ފަރާތްތަކަށް އަހަރު ހުޅުވާލުމުން އެހީއަށް އެދުމުގެ ފުރުސަތު އަލުން އޮންނާނެ ކަމަށް ވެސް އެންސްޕާ އިން ބުންޏެވެ.

އައިވީއެފްގެ އެހީ ހޯދާ މީހުންގެ ހުންނަން ޖެހޭނެ ޝަރުތުތައް:

* ދަރިއެއް ދުނިޔޭގައި ނެތުން
* ކައިވެންޏަށް ތިން އަހަރުވެފައިވުން
* އަމިއްލަ ހަރަދުގައި އައިވީއެފްގެ ތިން ސައިކަލް ފުރިހަމަކޮށްފައި ނުވުން
* ދެމަފިރިން ކުރެ އެއްވެސް ފަރާތަކުން ދަރިމައިނުވާ އޮޕަރޭޝަން ކޮށްފައި ނުވުން
* އެހީއަށް އެދޭ އަންހެން މީހާގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) 19-30 ދެމެދު ހުރުން
* އެހީއަށް އެދުމުގެ ހަ މަސް ކުރިން ދެމަފިރިން ދުންފަތުގެ އިސްތިއުމާލު ހުއްޓާލާފައިވުން
* ފަރުވާއަށް އެދޭ އެކަކުގެ މައްޗަށް ވެސް މިދިޔަ ތިން އަހަރު ޖިނާއީ ކުށެއް ސާބިތުވެފައި ނެތުން
* ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާފަދަ ސިއްހީ ސަބަބެއް މެދުވެރިވެފައިވުން ނުވަތަ ސަބަބު ދެނެނުގަނެވި ތިން * އަހަރުވަންދެން ދަރިމައިވުމަށް ނުކުޅެދިފައިވުން އަދި އެހެނިހެން ފަރުވާ ކާމިޔާބު ނުވެ އައިވީއެފްއަކީ އެންމެ އެދެވޭ ފަރުވާ ކަމަށް ސްޕެޝަލިސްޓަކު ކަނޑައަޅާފައިވުން
* ފަރުވާ ފަށާއިރު އަންހެން މީހާގެ އުމުރުން 30 ފުރި 42 ފުރިފައި ނުވުން. ފިރިހެން މީހާގެ އުމުރު 55 އަށްވުރެ މަތި ނުވުން.

ނަމަވެސް އަންހެން މީހާގެ އުމުރުން 25 އަހަރު ފުރި ސިއްހީ ހާލަތެއްގެ ސަބަބުން އެންމެ އެދެވޭ ފަރުވާއަކީ އައިވީއެފް ކަމަށް ސްޕެޝަލިސްޓަކު ކަނޑައެޅުމެވެ.

ކައިވެނީގެ މުއްދަތަށް ބެލުމަށް ފަހު ޕޮއިންޓް ދޭނެ އުސޫލު އެ ޝަރުތުތަކުގެ މައްޗަށް ބިނާކޮށް ޕޮއިންޓް ދޭނެ އުސޫލެއް ގާއިމުކޮށްފައިވާ އިރު އެހީ ދިނުމުގައި އިސްކަން ދޭނީ އެ އުސޫލުގެ ދަށުން އެންމެ ގިނައިން ޕޮއިންޓް ލިބޭ މީހުންނަށެވެ.

އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން ނިންމީ މިދިޔަ ޑިސެމްބަރު 5 ގަ އެވެ.