ހިޔާ ޓަވަރުތަކުގައި އަލަށް ހަރުކުރާ ލިފްޓްތަކުން ބަލި މީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެ ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ސޯޝަލްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި، ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތަކެއް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާރު ހަރުކުރަމުންދާ ލިފްޓްތައް ހަރުކުރާއިރު ބަލިމީހުން އުފުލުމަށް ސްޓްރެޗާ އެރުވޭނެ ލިފްޓުތައްވެސް އޭގައި ހިމެނޭނެ ކަމަށެވެ.
"ހިޔާ ފްލެޓްތަކުގައި ހަރުކުރެވޭ ލިފްޓުތަކުގެ މަޝްރޫއު ނިމޭއިރު، އިރާދަކުރެއްވިއްޔާ ފާހަގަ ކުރެއްވި ކަންތަކަށް ހައްލެއް ލިބިގެންދާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސްގެ ޖަވާބު
17 މާރިޗް 2024ގދ.ގައްދޫ، ކައިރުގޭ، މުޙައްމަދު ލަބީބު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތަކެއް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯ ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/jQ5YV7VTdp
— Government of Maldives (@governmentmv) March 17, 2024
ހިޔާ ޓަވަރުތަކަށް ލިފްޓު އިތުރު ކުރުމުގެ މަސައްކަތް މިސަރުކާރުން ހަވާލު ކޮށްފައިވަނީ ޗައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ.
މީގެކުރިން މިކަމާ ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ހިޔާގެ ކޮންމެ ޓަވަރަކަށް ދެ ލިފްޓް އިތުރުކޮށްދެއްވާނެ ކަމަށެވެ. އޭގެތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓަކަށް ވާނެ ކަމަށާއި، އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ޖާގައިގެ ލިފްޓެއް ކަމަށް އޭރު ވިދާޅުވިއެވެ.
ހިޔާ ޓަވަރުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ކުރިއަށް ގެންދެވި މަޝްރޫއެކެވެ. ނަމަވެސް ހިޔާ ޓަވަރުތަކުގައި މީހުން ދިރިއުޅޭ އަދަދާ ބަލާއިރު ލިފްޓުތައް މަދު ކަމުގެ ޝަކުވާ އާންމުން ކުރެއެވެ.