ސްކޭމަކުން މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައިގައި ތިން މީހަކަށް ދައުވާ ކުރުމަށް ފޮނުވައިފިއެވެ.
ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގުކުރަމުންދާ މައްސަލަތަކާގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުގައި މީހަކު ހުޅުވާފައި އިން އެކައުންޓަކުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ހިމެނޭ ތިން މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. އަދި މި މައްސަލައިގައި ދައުވާ ކުރުމަށް މިއަދު ޕީޖީއަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ކުރެވުނު މަސައްކަތުން މުދަލާއި ފައިސާގެ ގޮތުގައި 1.6 މިލިއަން ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މީގެކުރިން ބުނެފައިވަނީ ފައިސާ ގެއްލުނު މީހާގެ އެކައުންޓުން އެކި ފަހަރުމަތިން ޖުމްލަ 1.8 މިލިއަން ރުފިޔާ ޓްރާންސްފާ ކޮށްފައިވާ ކަމަށެވެ.