* ނަމާދަކީ އެންމެ ފުރަތަމަ ފަރުޟުކުރެވުނު ޢަމަލީ އަޅުކަން
* ނަމާދު އެޅުމަކީ ވައްކަންކުރުމާއި، ރާބުއިމާއި، ޒިނޭކުރުމަށްވުުރެ ބޮޑު ޖަރީމާއެއް
ނަމާދުއަޅާ މީހަކީ އެންމެ ބޮޑު މުޖުރިމު
﴿كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُم مُّجْرِمُونَ ﴿٤٦﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿٤٧﴾ وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ ﴿٤٨﴾ سورة المرسلات
މާނަ: "ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ. ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. ތިޔަބައިމީހުން ނަމާދުކޮށް) ރުކޫޢުކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ރުކޫޢުކޮށެއް ނޫޅެތެވެ".
* 7 އަހަރުވުމުން ނަމާދު ކުރުމަށް ދަރިންނަށް އަމުރުކުރަންޖެހޭ
10 އަހަރުވުމުން ދަރިންނަށް އަދަބުދީގެންވެސް ނަމާދުކުރުވަން ޖެހޭ
މިކަން ކުރުމާއި އެކީގައި އަންނަނިވި ދުޢާ ގިނައިން ކުރުން ވަރަށް މުހިންމު
{رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ} سورة إبراهيم ﴿٤٠﴾
މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު ޤާއިމުކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލު ކުރައްވާނދޭވެ!
* ނަމާދުކުރުމަށް މީސްތަކުންނަށް ނަސޭޙަތްތެރިވުމަކީ ﷲ ތަޢާލާގެ ރުއްސެވުން ޙާސިލުވާނެ ކަމެއް.
އިސްމާޢީލުގެފާނާއި ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ: وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِندَ رَبِّهِ مَرْضِيًّا)) سورة مريم ﴿٥٥﴾
މާނައީ: އަދި އެކަލޭގެފާނުގެ އަހުލުވެރިންނަށް، ނަމާދު ކުރުމަށާއި، ޒަކާތްދީ އުޅުމަށް، އެކަލޭގެފާނު އަމުރު ކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވި އެވެ.
* ނަމާދަކީ ތިބާގެ އީމާންކަމުގެ ވަރުގަދަކަން ނުވަތަ ބަލިކަށިކަން ވަޒަންކޮށްދޭ މީޒާނެވެ.
* ނިދިން ހޭލައިގެން، މަސައްކަތް ހުއްޓާލައިފައި، ކުޅުން ހުއްޓާލައިފައި، ކޮފީ މެދުކަނޑާލައިފައި ނަމާދަށް ދާކުދިން ހާދަ ހިތްވަރުގަދައޭ! ما شاء الله!!!
* މައިންބަފައިން، ބެލެނިވެރިން، މުދައްރިސުން، ޒިންމާދާރުވެރިން ދަރިންނަށް، ދަރިވަރުންނަށް، މުވައްޒަފުންނަށް، އެކުވެރިންނަށް، އަހުލުންނަށް ނަމާދަށް ރައްކާތެރިވުމަށް އަމުރުކުރުން އޮތީ އެއްފަހަރަކު ދެފަހަރަކުއެއް ނޫން.
އެއީ އެކަންކުރުމުގައި ދެމިހުރުމުގައި ކެތްތެރިވާންޖެހޭ މިންވަރަށް ތަކުރާރުކޮށްކުރަންޖެހޭނެ ކަމެއް.
﴿وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ﴾ سورة طه 132
މާނައީ: "އަދި ކަލޭގެފާނުގެ އަހުލުވެރިންނަށް ނަމާދުކުރުމަށް އަމުރު ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ!"
* ތިބާ ނަމާދަށް ހުއްޓޭ ހިނދު ތިބާގެ ވެރި ރައްބު ﷲ ތަޢާލާ އެއިލާހުގެ ވަޖުހުފުޅު ތިބާއާއި ކުރިމަތިކުރައްވަވާނެ.
ތިބާ އެއިލާހުގެ ވަޖުހުފުޅުން އެއްފަރާތް ނުވާހާ ހިނދަކު އެކަލާނގެ އެގޮތުގައި ދެމިވޮޑިގެންވާނެ.
އެއްފަރާތް ވުމަކީ ނަމާދުގައި އަޅާގެ ހިތް ދުނިޔަވީ ކަންތައްތަކާއި ދިމާއަށް އެނބުރުން.
* ތިބާގެ ގުނަވަންތައް ނަމާދުގެ ޙަރަކާތްތަކުގައި މަޝްޣޫލުކުރުވާފަ ތިބާގެ ހިތް ތިގެންދަނީ ކޮންތަނަކަށްތޯ؟
ނަމާދު ނަމާދަކަށްވާނީ ހިތާއި ގުނަވަންތައް ވެސް ނަމާދުގައި ބައިވެރިވެގެން.
* ފަރުޟުވީ 50 ނަމާދު، އެހެނަސް ﷲ ތަޢާލާ ވަނީ 50 ނަމާދުގެ ޘަވާބު ލިބޭގޮތަށް 5 ނަމާދަށް ލުއިކޮށްދެއްވާފަ
* ނަބިއްޔާ ﷺ އާލާސްކަންފުޅާ އުޅުއްވި ދުވަހެއްގައި ގަނޑުވަރުކޮޅުން މިސްކިތްކޮޅުގެ އެތެރެ ބެއްލެވިއިރު މުސްލިމުން ޖަމާޢަތުގައި ނަމާދުކުރައްވަން ތިބި މަންޒަރު ފެނިވަޑައިގަތުމުން އެކަމާ އުފާކުރައްވާ ހިނިވަރުނަކުރެއްވި.
ޖަމާޢަތުގެ ނަމާދަށް ތިބާ ރައްކާތެރިވުމަކީ ތިބާގެ ނަބިއްޔާ ﷺ އުފާފުޅުކުރައްވާ ކަމެއް.
* ނަމާދަކީ ނަބިއްޔާ ﷺ އުންމަތަށް ކުރެއްވި އެންމެ ފަހުގެ ވަސިއްޔަތް
* ނަމާދަކީ އެންމެހައި ރަސޫލުންނާއި ނަބިއްޔުންނާއި އެބޭކަލުންގެ އުންމަތްތަކުގެ މައްޗަށް ފަރުޟުކުރެވުނު މާތް އަޅުކަމެއް.
* މުސްލިމުު އަޅާ ނަމާދު ވަގުތު ވަނުމުން ފުރިހަމަ ވުޟޫއެއްކޮށް، ޚުޝޫޢަތްތެރިކަމާއި އެކީ ނަމާދުކޮށްފިނަމަ އެނަމާދު ވެގެންދާނީ ކުދިފާފަތަކަށްވާ ކައްފާރާއަކަށެވެ. -ރަވާހު މުސްލިމް-
* އެންމެ ފުރަތަމަ ބެއްލެވޭނީ ނަމާދުގެ ޙިސާބު
* ނަމާދުގެ ޙިސާބުން ފާސްވެއްޖެނަމަ ސަލާމަތްވީ
* ނަމާދުގެ ޙިސާބުން ފެއިލް ވެއްޖެނަމަ ދެން ސަލާމަތެއް ނުވާނެ
* ސަލާމަތްވާނީ ސުންނަތް ނަމާދުތަކުން ފަރުޟު ނަމާދުގެ ޙިސާބުން އުނިވާބައި ފުރިހަމަވެއްޖެނަމަ
ނަމާދަށް ރައްކާތެރިނުވާ މީހުން ޤިޔާމަތްދުވަހުން މަޙްޝަރުކުރެވޭނީ:
! ޤާރޫން
2. ފިރުޢައުނު
3. ހާމާން
4. އުބައްޔު ބުން ޚަލަފް
މިފަދަ ޖައްބާރުންނާއި އެކީ އެމީހުންގެ ސަފުތަކުގައި
* ނަމާދަށް ރައްކާތެރިވެއްޖެނަމަ ޤިޔާމަތް ދުވަހުން އެނަމާދު އެމީހަކަށްޓަކައި:
1. ނޫރަކަށް ވާނެ
2. ޙުއްޖަތަކަށް ވާނެ
3. ނަޖާތަކަށް ސަލާމަތަކަށް) ވާނެ
* މާތް ނަބިއްޔާ ﷺ މިދުނިޔެ ދޫކުރެއްވި އާލާސްކަންފުޅުގައި އުޅުއްވިއިރު ހަށިކޮޅުގައި ވަރު ޖެހިވަޑައިގެންފިނަމަ 2 ޞަޙާބީބޭކަލެއްގެ އެހީތެރިކަމާއި އެކީ ފައިންޕުޅު ބިންމަތީގައި ދެމެމުންދާ ޙާލުގައި މިސްކިތްކޮޅަށް ނަމާދަށް ވަޑައިގަންނަވައެވެ.
* ނަމާދަކީ މިޢުރާޖުގެ ހަދިޔާ
* ނަމާދަކީ ފާފަތަކަށްވާ ތަހާރަތެއް
* ނަމާދަކީ މުއުމިނުންގެ ހިތްތަކުގެ ފިނިކަން
* ނަމާދަކީ އަޅުވެރިންގެ ބަޤީޗާ
* ނަމާދަކީ ޚުޝޫޢަތްތެރިންގެ ނަފްސުގެ ލައްޒަތު
* ނަމާދަކީ މުއުމިނުންގެ ރޫޙުގެ ލައްޒަތު
* ނަމާދަކީ އަޅާއާއި އޭނާގެ ވެރި ރައްބާއި އެންމެ ކުއްތަންކުރުވާ އަޅުކަން
* ނަމާދަކީ އަޅާއާއި އޭނާގެ ވެރި ރައްބާއި ގުޅުވާދޭ ގުޅުވާލުމެއް
* ނަމާދުގެ ޙިސާބު ރަނގަޅުވެގެން އެމީހެއްގެ އެހެން އަޅުކަންތަކުގެ ޙިސާބު ބެއްލެވޭނީވެސް
* އެންމެން ޢަޒުމް ކަނޑައަޅަންވީ ކޮންމެ ދުވަހަކު މަދުވެގެން ފަސްފަހަރު ޤިބްލައަށް ކުރިމަތިލައި ޙަޔާތް ބަދަލުކޮށްލަން
* ނަމާދަށް ރައްކާތެރިވެއްޖެ މީހާ އޭނާގެ ދީނަށް ރައްކާތެރިވެއްޖެ
* ނަމާދަކީ ދީނުގެ ތަނބު، ތަނބު ބަލިކަށިވެއްޖެ އިމާރާތެއް ދާދި އަވަހަށް ފުނޑުފުނޑުވެގެންދާނެ
* ނަމާދަކީ އިސްލާމްދީނުން އެންމެ ފަހުން ނެތިގެންދާނެ އަޅުކަން
ނޯޓް: މައުލޫމާތު، ޝެއިހް އަހުމަދު ރިމާޒް