ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން އިތުރު ބަޔަކު އަންނަ މަހުގެ 10 ގެ ކުރިން ގެންދަން އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އެގޮތަށް އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމާ ގުޅޭ ގޮތުން މަޝްވަރާކުރަން އުފެއްދި މަތީ ފަންތީގެ ކޯ-ގްރޫޕްގެ މަޝްވަރާއެއް ވެސް އިއްޔެ ބޭއްވުމަށް ފަހު އެވެ. މިއީ ގްރޫޕްގެ ތިން ވަނަ ބައްދަލުވުމެވެ.
އެކަމާ ގުޅޭ ގޮތުން ފޮރިން މިިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ބާކީ ދެ ޕްލެޓްފޯމުގައި ތިބި ސިފައިން ދެ ތާރީހެއްގައި ގެންދަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ބެޗު އަންނަ އޭޕްރީލް 10 ގެ ކުރިން އަދި އަނެއް ބެޗުގެ މެއި 10 ގެ ކުރިން ގެންދާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ އޭވިއޭޝަން ޕްލެޓްފޯމްތަކުގައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ސިވިލް މީހުން ގެނައުމުގެ މަސައްކަތުގައި ކުރިއެރުން ހޯދަމުން އަންނަ ކަމަށެވެ.
ސިފައިން ފޮނުވައިލުމާ ގުޅޭ ހަތަރު ވަނަ ބައްދަލުވުން ބާއްވާނީ އިންޑިއާގަ އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބެނީ ކުއްލި ހާލަތުގައި ބޭނުން ކުރަން އެ ގައުމުން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓްގެ އޮޕަރޭޝަނަށެވެ. ރާއްޖެ އިން މިހާރު ތުރުކީން އަސްކަރީ ޑްރޯންތަކެއް ހޯދައި އަމިއްލަ އަށް އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ފަށައިފަ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މެޑިކަލް އިވެކްއޭޝަނަށް ރާއްޖެ އިން އަމިއްލަ ހެލިކޮޕްޓަރެއް ވެސް ބޭނުން ކުރަން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.