ނަމާދު ކުރާ ވަގުތު މިސްކިތްތަކުގެ އަޑުހަރުކޮށް ހުރުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވައި ދީފައިވަނީ އަމިއްލަފުޅު ރައުޔު ކަމަށާއި، އެކަމާއި ގުޅިގެން މިނިސްޓްރީން އެއްވެސް މިސްކިތަކަށް އެއްވެސް ކަމެއް ނާންގާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހުއްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ފޭސްބުކް ލައިވްއެއް މެދުވެރިކޮށް މިނިސްޓަރުގެ ހައިސީއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން މިނިސްޓަރ ވަނީ މިސަރުކާރުން ބަންގީގެ އަޑު ކަނޑުވާލަން އެއްވެސް އެންގުމެއް ނާންގަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިކަމުގެ ތަފްސީލުގެ ދެއްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ، އެކަމާއި ގުޅިގެން އެމަނިކުފާނާއި ހަވާލާ ދެއްވައި ހުރި ވާހަކަ ތަކަކީ ވަކި ހާއްސަ ހާލަތަކާއި ގުޅުވައި އެމަނިކުފާނު ދެއްވި ޖަވާބެއް ކަމަށެވެ.
"އެއީ ހުރިހާ މިސްކިތްތަކުގެ ވާހަކައެއް ނޫން އެޔަކީ. އެއީ ވަކިތަނެއްގައި ހުރި ވަކި މިސްކިތަކާއި ބެހޭގޮތުން އައި ސުވާލެއް ޓްވިޓަރގައި. އެ ސުވާލުގެ ޖަވާބު އަޅުގަނޑު ދިނީ. " މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ އެ ސުވާލުގައި އަހާފައިވަނީ ވަކި ތަނެއްގައި ހުރި މިސްކިތެއް ގޭގެ ބުޑުގައި ހުރުމުން ބަލި މީހުންނާއި އުޒުރުވެވެރިވާ ފަރާތްތަކަށް މިސްކިތަށް ނުދެވޭ ވާހަކަ ކަމަށެވެ.
"ސުވާލު މިއަންނަނީ ވަކި ސްޕެސިފިކް ތަނަކާއި ބެހޭގޮތުން. އެހެންވެއްޖެއިއްޔާ އެހާލަތުގެ މައްޗަށް ބިނާކޮށް ދީނީ ގޮތުން ދޭން ޖެހޭ ޖަވާބެއް މިދެވެނީ. އެހެންވީމަ އަޅުގަނޑު ބުނީ ކޮންމެހެން އެކަހަލަ ހާލަތުގައި އެތެެރެއަށް އަޑު ހުރުމަކީ އެންމެ ރަނގަޅު ގޮތޭ. " ޝަހީމް ވިދާޅުވިއެވެ.
އަދި އެއްވެސް މިސްކިތަކަށް ވަކި ގޮތަކަށް ޢަމަލު ކުރުމަށް މިނިސްޓްރީން އަންގާފައި ނުވާކަމަށް މިނިސްޓަރ ވަނީ ސާފުކޮށްދެއްވާފައެވެ.
" އަޅުގަނޑުގެ އަމިއްލަ އޮޕީނިއަން ގޮތުގައި އެމީހާއަށް ޓްވިޓަރގައި އެމީހާއަށް ޖަވާބު ދިނީ. އެއްވެސް ހާލެއްގައި މިނިސްޓްރީއަކުންނެއް އިމާމުންނަށް އަޑު މަޑު ކުރާކަށް އެއްވެސް މިސްކިތެއްގައި އަންގާފައި ނުވާނެ. އެކަހަލަ ކަމެއް މާލެއަކުވެސް އަތޮޅު ތެރޭގައިވެސް ނުހިންގާ. އިރާދަ ކުރެއްވީއްޔާ ނުވެސް ހިންގާނެ " ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރ ޝަހީމް ވަނީ މިސްކިތްތަކުގެ ލައުޑް ސްޕީކަރު ސެޓަޕްކޮށް ބަލަހައްޓަނީ ކައުންސިލުންކަން ފާހަގަކޮށްފައެވެ. އަދި އެފަރާތުންވެސް އެކަހަލަ ކަމެއްގެ މިނިސްޓްރީގެ އެންގުމެއް ނެތި ނުކުރާނެކަން މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން މާލޭގައި މިސްކިތްތައް ކައިރި ކައިރީގައި ހުންނަކަން ފާހަގަކޮށް ބައެއް މިސްކިތްތަކުގެ އަޑު މަޑުކޮށްފައި ހުންނަނީ އެ މިސްކިތަކަށް އަރާފަރާތްތަކާއި އެ ސަރަހައްދެއްގެ އުޅޭ މީހުންގެ މަސްލަހަތު ބެލުމަށް ފަހު މިސްކިތްތަކުން އަމިއްލައަށް ކަމަށެވެ. އަދި މިއީ މި ސަރުކާރު އައިފަހުން އެކަނި އޮންނަ ގޮތެއް ނޫންކަމަށާއި އެއީ އަބަދުވެސް އެކަންތައް އޮންނަ ގޮތް ކަމަށް ވިދާޅުވިއެވެ.