އަދާލަތު ޕާޓީއާ މެދުު ބަޔަކު ކޮންމެ ކަހަލަ ވާހަކަތަކެއް ދެއްކި ނަމަވެސް އޭނާ ހުންނެވީ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ ފަހަތްޕުޅުގައި ޕާޓީގެ ނިންމުމުގެ މަތީގައި ކަމަށް އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.
މީޑިއާތަކަށް ފޮނުއްވި އޯޑިއޯ މެސެޖެއްގައި ހިތަދު އަށް ނިސްބަތްވާ އިލްޔާސް ވިދާޅުވީ އޭނާ ހުންނެވި ޕާޓީގެ ރައީސްގެ އިތުރުން ލީޑާޝިޕާއި މަޝްވަރާ މަޖިލީހުގެ ނިންމުމުގެ މަތީގައިކަން ހުރިހާ މެމްބަރުންނަށް ހަނދާން ކޮށްދޭ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން މި މަހުގެ 7 ވަނަ ދުވަހު އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި މަޝްވަރާކޮށް، އޭގެ ތެރެއިން ބައެއް ކަންތައްތައް މަޝްވަރާ މަޖިލީހުގެ މެމްބަރުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.
އިލްޔާސް ވިދާޅުވީ އިލްމުވެރިންގެ މަޖިލީހަށް ރައްޔިތުން ކުރާ އިހްތިރާމާއި ގަދަރު ގެއްލޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އޭނާ އެދިވަޑައިގެންނަވާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހަކީ އެ ޕާޓީގެ އެންމެ ވަރުގަަދަ އަދި އެެންމެ މުސްތަގިއްލު ރުކުނެވެ.
އަދި އެހެން އެއްވެސް ފަރާތެއްގެ ނުފޫޒު އެ މަޖިލީހަށް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.