ތައުލީމުގެ ޔަގީންކަން ކަށަވަރުކުރަން ހުޅުމާލެއަށް އިތުރު ހަ ސްކޫލު ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ކޭޓާކުރެވޭ ވަރަށް އަދި އިތުރު ކިތައް ސްކޫލު އަޅަންޖެހޭތޯ އަދި އެ ކަމުގެ ޕްލޭންއަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީއު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ހުރީ ސަލާހުއްދީން ސްކޫލު އެކަނިކަން ފާހަގަކޮށް އެސުކޫލަށް ވަނުމަށް ގިނަ އަދަދެއްގެ ރިކުއެސްޓް ލިބޭކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި އެކަނިވެސް 800 އަށްވުރެ ގިނަ ރިކުއެސްޓް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ ސަލާހުއްދިން ސްކޫލު ދެ ސެޝަނަށް ބަދަލުކުރުމަކީ ހިތަށް ފަސޭހަވެގެން ކުރިކަމެއް ނޫން ކަމަށާއި، އެ ސްކޫލު ދެ ސެޝަނަށް ބަދަލުކުރީ ކުދިން ގިނަކަމުން ތައުލީމުގެ ޔަގީންކަން ކަށަވަރުކުރަން އިތުރު ގޮތެއް ނެތުމުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭނީ ތައުލީމުގެ ޔަގީންކަން ހުރިހާ ދަރިވަރުންނަށް ކަށަވަރު ކޮށްދިނުމަށް ކަމަށެވެ.
ހުޅުމާލެއަށް މިހާރު ވެސް އިތުރު ހަ ސްކޫލު ބޭނުންވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ފޭސް 1 އަށް އިތުރު ދެ ސްކޫލު އަދި ހުޅުމާލެ ފޭސް 2 އަށް އިތުރު 4 ސްކޫލު ބޭނުންވާ ކަމަށެވެ. މިކަންކަމަކީ ދަރިވަރުންނަށް ދޭ ތައުލީމުގެ ޔަގީންކަން ކަށަވަރު ކުރުމަށް މުހިންމު ކަމެއްކަންވެސް ފާހަގަ ކުރެއްވިއެވެ.