Last Updated: January 19, 20:36
Sunday, January 19, 2025
ޚަބަރު

އަނަސްގެ މަރު: ހުކުމް އިސްތިއުނާފު ކުރަން ނިންމައިފި

އަނިޔާވެރިގޮތަކަށް މަރާލި ޒުވާން ކެޕްޓަން އަނަސް-

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅިން ހަމަލާދީ ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ އުފުލި އެންމެން ސަލާމަތްވި މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

އަނަސް މަރާލި މައްސަލައިގައި ދައުވާކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ފެބްރުއަރީ 25 ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުން ބުނެފައިވަނީ އަނަސް މަރާލި މައްސަލަ އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު އިސްތިއުނާފު ތައްޔާރު ކުރަމުންދާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އަނަސް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުޘްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.

މި މައްސަލާގައި ހުކުމް އިއްވަމުން ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ އެމީހުން މިކަމުގައި ބައިވެރިވުމުގެ އަމަލު ސާބިތު ކޮށްދިނުމުގެ ސީދާ ހެއްކެއްގެ ގޮތުގައި ހުރީ ހަމައެކަނި ސީސީޓީވީ ފުޓޭޖްކަން ފާހަގަކޮށްފައެވެ. އެ ފުޓޭޖުތަކަށް ބާރު ލިބިދޭ ހެކީގެ ނިސްބަތަށް ބަލާއިރު، އެމީހުން އެކަމުގައި ބައިވެރިވި ކަމާއި، ފުޓޭޖުތަކުން ފެންނަނީ އެމީހުންކަމަށް ނިންމަން ދަތިކަމަށް ހުކުމް އިއްވަމުން ގާޒީ ވިދާޅުވިއެވެ. މީގެއިތުރުން ފުލުހުންނާ ދައުލަތުން ހަމައެކަނި ބުނެލާ ބަހަކުން އެކަންކަން ޝަރީއަތަށް ސާބިތު ނުވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

އަނަސް މަރާލި މައްސަލައިގައި ދައުވާކުރި މީހުން ސަލާމަތްވުމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލާ ގައި ދައުވާ އުފުލިފައިވާ އެންމެންގެ މައްޗަށް ދައުވާ ސާބިތުނުވަ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާ މެދު ނުހަނު ކަންބޮޑުވާ ކަމަށެވެ. އަނަސްއަށް ހަމަލާ ދީފައިވަނީ އާންމުންގެ ތެރޭގައި ކަމަށް ވެފައި އެހާ ހާމަކަން ބޮޑު ގޮތެއް ގައި މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުން ވެސް އެ މައްސަލައިގެ ތުުހުމަތު ކުރެވޭ މީހުންނަށް އަދަބު ނުލިބި ދިއުމަކީ ތަންފީޒީ އިދާރާތަކާއި އަދުލު އިންސާފު ގާއިމު ކުުރުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެން ދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.