ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯއްޗާއި ފްލެޓް "ފޭރިގަންނަން" މި ސަރުކާރުން އުޅޭކަމުގެ ބިރުވެރިކަން ރައްޔިތުންގެ ހިތުގައި އިންތިހާއަށް އެބައޮތްކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އިފްހާމް ހުސެންގެ ކެމްޕޭން ހަރަކާތެއްގައި ރޭ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު ގެތަކަށް ދިޔުމުން މުޅިންވެސް އިވެނީ ގޯއްޗާއި ފްލެޓް "ފޭރިގަންނަން" މި ސަރުކާރުން އުޅޭކަމުގެ ބިރުވެރިކަން އޮތްކަމުގެ ޝަކުވާކަމަށެވެ.
ކޮންމެ ތަނަކުން ލިބިފައިއޮތް ގޯއްޗެއް އަދި ފްލެޓެއް ވިޔަސް އަތުނުލައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވައުދުވެވަޑައިގަތް ނަމަވެސް، މިއަދު އެއީ ދޮގެއްކަން ރައްޔިތުންނަށް އެނގޭކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒު މިހާރު އެ ދުވެވަޑައިގަންނަވަނީ ރައްޔިތުންގެ ފަހަތުން ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަންނަން ކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ގޯއްޗާއި ފްލެޓްތަކުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ބަދަލުވުވަމުންދާ އުސޫލުތަކަށް ފާޑުވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުން ލިސްޓްތައް އޮޅުވާލައި، ރައީސް މުއިއްޒު ބޭނުންފުޅުވާ ބަޔަކަށް އެކަނި ގޯއްޗާއި ފްލެޓް ދިނުމަށް އުޅުއްވާކަމަށްވެސް ޝާހިދު ތުހުމަތު ކުރެއްވިއެވެ.
މި ކެމްޕޭން ހަރަކާތުގައި ޝާހިދު ވަނީ، ގޯއްޗާއި ފްލެޓް ލިބޭނެކަން ކަށަވަރުކުރުމަށް، އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ގޮވާލައްވާފައެވެ.
ވެރިކަމަށް އައުމަށް ބޮޑެތި ދޮގުތަކެއް ހެދުމުގެ ނަތީޖާއަކީ ރައްޔިތުން ސަރުކާރާއި މެދު ހިތްހަމނުޖެހި، ސަރުކާރާ ދޭތެރޭ އޮތް އިތުބާރު ގެއްލުންކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.