Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ބާރީ ކްރިމިނަލް ކޯޓްގެ އިސް ފަނޑިޔާރަކަށް ، އަނެއް ދެ ފަނޑިޔާރުން ހައި ކޯޓަށް

ދާދި ފަހުން ކްރިމިނަލް ކޯޓުން ނިންމި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީޢަތާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ޝަރީޢަތް ކުރިއަށް ގެންދިޔަ ބެންޗުގައި ހިމެނި ވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ހައި ކޯޓުގެ ބެންޗަށް ޢައްޔަން ކުރުމަށް ނިންމާފައިވާކަން "އައްޑޫ ލައިވް" އަށް ވަރަށް މުޢުތަބަރު ގޮތަކަށް އެނގިއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން މި ތިން ފަނޑިޔާރުންގެ ތެރެއިން ހައި ކޯޓަށް ޢައްޔަން ކުރުމަށް ނިންމާފައިވަނީ އަބްދު ﷲ ދީދީ އާއި ޝުޖާއު އުސްމާނެވެ.

މި ދެ ބޭފުޅުންނަކީ ރައީސް ނަޝީދު އާއި ނާޒިމްގެ މައްސަލައިގެ އިތުރުން، ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަބްދު ﷲ މުޙައްމަދު ޤާނޫނާއި ޚިލާފަށް ހައްޔަރު ކުރުމާއި ގުޅިގެން ދައުލަތުން ޓެރެރިޒަމްގެ ދަޢުވާ އުފުލާފައިވާ އެހެން ފަރާތްތަކުގެ މައްސަލަ ބަލާ ބެންޗުގައި ވެސް ހިމެނި ވަޑައިގަންނަވާ ދެ ފަނޑިޔާރުންނެވެ.

މީގެ ކުރިން މި ދެ ފަނޑިޔާރުންގެ ތެރެއިން ޝުޖާއު އުޘްމާނުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ތަހުގީގު ކޮށްފައެވެ.

ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ވާގޮތުން ހައި ކޯޓު އެކުލެވިގެން ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރާއި، އެ ކޯޓަށް އައްޔަން ކުރެވޭ އިތުރު 08 ފަނޑިޔާރުންނާއި އެކު ޖުމްލަ 09 ފަނޑިޔާރުންގެ މައްޗަށެވެ. ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅަކު ރިޔަޓަޔާރ ކުރެއްވުމާއި، އަދި އިތުރު ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެގެން ޖުޑިޝަލް ސާވިސް ކޮމިޝަނުން އެ ފަނޑިޔާރު އެހެން ކޯޓަކަށް ބަދަލު ކުރުމާއި ގުޅިގެން މިހާރު ހައި ކޯޓުގެ ބެންޗްގައި ތިއްބެވީ ޖުމްލަ 07 ފަނޑިޔާރުންނެވެ. އެހެންކަމުން ޤާނޫނުގައި ވާ ގޮތުން އިތުރު ދެ ފަނޑިޔާރުން ހައި ކޯޓުގެ ބެންޗަށް އައްޔަން ކުރަން ޖެހެއެވެ.

"އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުން ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަބްދު ﷲ މުޙައްމަދުގެ ބަދަލުގައި، ރައީސް ނަޝީދު އާއި ނާޒިމްގެ މައްސަލަ ކްރިމިނަލް ކޯޓުން ބެއްލެވި ބެންޗުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަން ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން ފަނޑިޔާރު ބާރީ ގެ މައްޗަށް އަންހެން ވަކީލަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވަނީ ހުށަހެޅުނު ނަމަވެސް އެކޮމިޝަނުން ނިންމާފައި ވަނީ ގާޒީ ބާރީގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ.