މާލޭގައި ވަގަށް އަނބު ބިން މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގެ ޕާކިން ޒޯނެއްގައި ހުރި އަނބު ގަހަކުން ވަގަށް އަނބު ބިން މައްސަލައިގައި ހައްޔަރުކުރީ އުމުރުން 34 އަހަރާއި 38 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އެ ދެ މީހުންނަކީ ކުރިން ވެސް ކުށުގެ ގިނަ ރެކޯޑްތަކެއް އޮތް ބައެކެވެ. އެގޮތުން 34 މީހާ އަކީ ކުރިން އެކި މައްސަލަތަކުގައި 44 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި 38 އަހަރުގެ މީހާ އަކީ އެކި މައްސަލަތަކުގައި 12 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ.
މި ދެ މީހުން ވަގަށް އަނބު ބިން މައްސަލާގައި ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހަށް ކޯޓަށް ހާޒިރު ކުރުމަށް ފަހު ފުލުހުން ބުނީ އަނބު ގަހަކީ އާންމުންނަށް ވަދެނިކުމެވޭ ގޮތަށް އޮތް ޕާކިން ޒޯނެއްގައި ހުރި ގަހެއް ނަމަވެސް އެއީ މާލޭ ސިޓީ ކައުންސިލްގެ ބިމެއް ކަމަށެވެ. އަދި އެ ދެ މީހުން އަނބު ބިންނަން ގަހަށް އެރީ އެއްވެސް ފަރާތެއްގެ ހުއްދަ ނެތި ކަމަށެވެ.
އެހެންވެ އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނާޅައި އެ މީހުން ދޫކޮށްލައިފި ނަމަ، ނިޒާމް އާންމު ގެއްލިދާނެ ކަމަށް ބުރަވެވޭ ކަމަށާއި އެއީ ހުޅުވާލެވޭ ނުބައި ދޮރެއް ކަމަށް ފުލުހުން ބުންޏެވެ. އެ ސަބަބާ ހުރެ ނިޒާމް އާންމު ހިފެހެއްޓުމުގެ ގޮތުން ބަންދުގައި ބެހެއްޓުމުގެ ޟަރޫރަތެއް އޮތް ކަމަށް ދެކޭ ކަމަށް ފުލުހުން ބުންޏެވެ.
އެކަމަށް ރިއާޔަތްކޮށް ދެ މީހުން މަސް ދުވަހަށް ބަންދުކުރަން ފުލުހުން އެދުމުން ކްރިމިނަލް ކޯޓުން ނިންމީ "އެއީ ހަލާތާ ނުބައްދަލު މިންވަރެއް" ކަމަށް ކަނޑައަޅައި ތިން ދުވަހަށް ބަންދު ކުރުމަށެވެ.