ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި، އެފަދަ ކުއްތަކަށް ހުކުމްކޮށްފައިވާ ފަރާތްތަކަށް މަޢާފުދިނުން ލުއިދީ ދޫކޮށްލުން ބަލައި ނުގަނެވޭ ކަމަށް ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން އެފަދަ މައްސަލައެއްގައި ތުހުމަތުވާ މީހެއް ޝަރުތުތަކަކާއި އެކު ދޫކޮށްލުމާއި ގުޅިގެން އާންމުންގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ. ރައީސް އެމައްސަލާގައި ދެކެވަޑައިގަންނަވާގޮތް ހާމަ ކުރައްވާ ވިދާޅުވީ އެފަދަ އެއްވެސް މީހެއް އެއްވެސް ސަބަބަކާއި ހުރެ ދޫކޮށްލުން ބަލައި ނުގަނެވޭ ކަމަށެވެ.
އަދި އެގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް ޕީޖީގައި ދަންނަވައިގެން އިސްތިއުނާފް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ދިވެހި މުޖްތަމަޢު އެފަދަ ނުބައި މީހުންގެ ވަކިތަކުން ސަލާމަތްވެފައިވާ މުޖްތަމަޢަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އުމުރުން 13 އަހަރުގެ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކޮށްގެން ތ. ވޭމަންޑޫއިން އެމީހާ ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ މައްސަލާގައި އެ މީހާ މައްޗަށް ދައުވާކޮށް ޝަރީއަތް ހިނގަމުން ދަނިކޮށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކަކާ އެކީގަ އެވެ.
މިކަމާ ގުޅިގެން ޕްރޮސެކިއުޓަ ޖެނެރެލް އޮފީހުން ބުނީ އެ މައްސަލަ ހައި ކޯޓުގައި ވަރަށް އަވަހަށް އިސްތިއުނާފު ކުރާނެ ކަމަށެވެ.