ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި މި ސަރުކާރުން މަޝްރޫޢުތައް ހުއްޓާލާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ރާއްޖޭގެ ރައްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ. އަތޮޅު ރަތްމަންދޫއަށް ވަޑައިގެން އެކްސްގައި ހިއްސާ ކުރެއްވި ވީޑީއޯއެއްގައި ޝާހިދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ފެއްޓެވި ތަރައްޤީގެ މަޝްރޫޢުތައް އެ ރަށުން ފެންނަން ހުރި ކަމަށެވެ.
އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫޢު %90 ނިމިފައިވާ ކަމަށާއި، އިންޖީނުގޭގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައި ހުރި ކަމަށް ވިދާޅުވިއެވެ. އަދި އެނޫންވެސް ގިނަ މަސައްކަތް ފެށި އެކި މަރުހަލާތަކުގައި ހުރިކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ހުރިހާ މަސައްކަތެއް މިހާރު ހުއްޓާލާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
" މިއަދުގެ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްޤީގެ ހުރިހާ މަޝްރޫޢެއް ވަނީ ހުއްޓާލައްވާފައި. މި ރަށުގެ ހުރިހާ މަޝްރޫޢުތަކެއް ވަނީ ހުއްޓާލައްވާފައި. " ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ މިދިޔަ އަހަރު އެމްޑީޕީ ވެރިކަމުގައި ރައީސް ސޯލިހުގެ ސަރުކާރުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަ ކުރެއްވި ކަމަށާއި، މިސަރުކާރުގެ ފުރަތަމަ ތިން މަސް ދުވަހު ހޭދަ ކުރެއްވީ 300 މިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ. އޭނާ ވާނީ ރާއްޖޭގެ ރަށްރަށުގައި ފަށާފައިވާ ތަރައްޤީގެ މަސައްކަތް ވީރާނާވެ ގެނެސްފައިވާ ތަކެތި ބޭކަރުވަމުންދާ ކަމަށް ވިދާޅުވެފައެވެ.
އަދި މި ސަރުކާރުން ރައްޔިތުންގެ އިހްސާސްތަކަށް ފުރަގަސް ދެމުންދާ ކަމަށް ބުނެ މިސްރާބު ހަމަމަގަށް އަޅުވަން ޖެހެނީ މި ސަބަބަށްޓަކައި ކަމަށް ވިދާޅުވިއެވެ.
އަންނަ މަހު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދަނީ ކެމްޕެއިންކޮށް ތައްޔާރުވަމުންނެވެ. އަދި ރޯދަ މަހުގެ ތެރޭގައި ކެމްޕެއިން ފޯރި މިވަނީ ވަރަށް ބޮޑަށް ގަދަ ވެފައެވެ.