ތަރައްގީ ކުރުމުގެ މަސައްކަތް މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ހުއްޓިފައި އޮތް ގއ. މާރެންދޫ ރިސޯޓްގެ މަސައްކަތް އަލުން ފަށައި އެ ރަށް ވީހާ ވެސް އަވަހަކަށް ހުޅުވަން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވަނީ އިއްޔެ އެ ރަށަށް ވަޑައިގެން ރަށުގެ މަސައްކަތް ގޮސްފައިވާ ހިސާބު ވެސް ބައްލަވާލައްވައިފަ އެވެ. ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން މާރެންދޫގައި ރިސޯޓެއް ތަރައްގީ ކުރަން ފެށީ 2016 ގަ އެވެ. ނަމަވެސް ރަށުުގެ މަސައްކަތް އޮތީ 2019 ގައި ހުއްޓިފަ އެވެ.
މިނިސްޓަރު ވިދާޅުވީ މާރެންދޫ މާކެޓަށް ނެރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ޅާއްސަ ކޮމިޓީއެއް ވެސް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ރަށުގެ މަސައްކަތް ޙަވާލުކޮށްފައިވާ ފަރާތާ ވާހަކަ ދައްކައިގެން މަސައްކަތް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ފައިސަލް ވިދާޅުވީ މާރެންދޫގެ މަސައްކަތް އިތުރށް ލަސްވާ ނަމަ މިނިސްޓްރީގެ ތެރެއިން މަސައްކަތް އަވަސް ކުރުމަށް ކުރަން ހުރި ކަންކަން ކުރައްވައި މަސައްކަތަށް ބަދަލު ގެންނަން ޖެހޭ ނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.
އޭނަ ވިދާޅުވީ، މާރެންދޫގައި މިހާރު މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރަށް ބަލާ އިރު މަސައްކަތް އަލުން ފަށައި އަވަސްކޮށްފި ދެ އަހަރުގެ ތެރޭގައި ރަށް މާކެޓަށް ނެރެވިދާނެ އެވެ.