ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިމިގްރޭޝަންގެ ހިދުމަތްތަކަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް އައިސް ބޮޑެތި ލުއިފަސޭހަ ބަދަލުތަކެއް އަންނާނެ ކަމަށް ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަންސް މުޙައްމަދު ޝަމާން ވަޙީދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވެސް އިމިގްރޭޝަނަށް 74 އަހަރު ފުރުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި އޭނަ ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެންނެވި އިރު އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ އިމިގްރޭޝަންގެ ތެރޭގައި މުވައްޒަފުންގެ މެދުގައި ކުރިން އޮތް ބަދަހި ގުޅުން ހީނަރުވެފައިވާކަން ކަމަށެވެ. އެހެންވެ މުއައްސަސާގެ އެންމެ މުހިންމު ބަޔަކީ މުވައްޒަފުންނަށްވާ އިރު އެ ގުޅުންތެރިކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް މިވީ މަދު ދުވަސްކޮޅުތެރޭ ވެސް ކުރައްވާފައިވާ ކަމަށާއި އެކަމުގެ ހެޔޮ ބަދަލު މިހާރު ވެސް ފެންނަން ފަށާފައިވާ ކަމަށް ޝަމާން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް އިމިގްރޭޝަނުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ލުއިފަސޭހަކަމާ އެކު ފޯރުކޮށް ދިނުމަށް ކުރު މުއްދަތެއްގެ ތެރޭގައި އެކަށީގެންވާ މަސައްކަތްތަކެއް ވެސް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޕާސްޕޯޓާ ގުޅޭ ހިދުމަތް ލުއިފަސޭހަކުރުމާއި، ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ދިވެހިން ހޯދާ ހިދުމަތްތަކަށް ލުއިފަސޭހަ ބަދަލުތަކެއް ގެންނަވާފައިވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އިމިގްރޭޝަންގެ އޮފީސްތަކުން ދެމުން އަންނަ ހިދުމަތްތައް ދެގުނަ އަވަސްކޮށްފައިވާކަން ޝަމާން ފާހަގަކުރެއްވި ވެ.
އަދި ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ސަރުކާރުގެ ކަމާގުޅުން ހުރި މުއައްސަސާތައް ގުޅިގެން، ހާއްސަ އިސްކަމެއް ދޭ މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތް ފައްޓަވައި އެ މަސައްކަޔް ބާރަށް ކުރިއަށް ގެންދަވާ ކަމަށް ވެސްވިދާޅުވިއެވެ.
ޝަމްއާން ވިދާޅުވީ މި އަހަރު ވާނީ އިމިގްރޭޝަންގެ މަސައްކަތްތައް ޒަމާނީވެ މުވައްޒަފުންގެ ގުޅުން ހަރުދަނާ ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ އަހަރަކަށް ކަމަށެވެ.
ރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް ފެށީ 1950 ގަ އެވެ.