ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކާ ގުޅިގެން އެންމެ ބިންތިރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ރައްޔިތުން ކްލައިމެޓް ރެފިއުޖީންނަށް ވާން ދިވެހިން ބޭނުން ނުވާ ކަމަށާއި، މޫސުމީ ބަދަލުތަކަކީ މިހާރުން މިހާރަށް ހައްލުކުރަންޖެހިފައިވާ މައްސަލަތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އިންޓަ ޕާލިމެންޓްރީ ޔޫނިއަންގެ 148 ވަނަ އެސެމްބްލީގައި ވާހަކަ ދައްކަވަމުން ހިތަދޫ އިތުރު ދާއިރާގެ މެންބަރު ވިދާޅުވީ ސުލްޙަ އާއި އަމާންކަމުގެ ވާހަކަ ދައްކާ އިރު، ދިވެހީންނަށް އެކަންކަން ފުރިހަމަވާން އޮތީ މޫސުމީ ގޮތުން ވެސް ރައްކާތެރިކަން ލިބިގެން ކަމަށެވެ.
އެގޮތުން ރާއްޖެ، ބިންތިރި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން މޫސުމީ ބަދަލުތަކަށް މަގުފަހިވާ ނޭދެވޭ ޢަމަލުތަކުގައި ރާއްޖޭން ހިއްސާކުރާ މިންވަރުކުޑަ އިރު، މޫސުމީ ބަދަލުތަކުގެ ނުރައްކާ އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށާއި އެކަމުގެ އަގު އަދާކުރަންޖެހޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އިރު، ޒަމާނުއްސުރެ ދިވެހިން އުޅެމުން އައި މި ވެށި ދޫކޮށްލުމަކީ ދިވެހިން ބޭނުން ވާބެ ގޮތެއް ނޫން ކަމަށެވެ.
"މިއީ ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ޤައުމެއް. މޫސުމީ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ގެދޮރު ގެއްލިދާކަށް ބޭނުމެއް ނޫން. ކްލައިމެޓް ރެފިއުޖީންނަކަށް ވާކަށް ދިވެހިން ބޭނުމެއް ނޫން،" އޭނަ ވިދާޅުވި އެވެ. "އަޅުގަނޑުމެންހެ ގެ ވެސް ސަޤާފަތަކާއި އާދަކާތަކެއް އެބަހުރި. އަމިއްލަ ބަހަކާއި އަމިއްލަވަންތަކަމެއް އެބަހުރި. މި ހިތްގައިމު ރާއްޖޭގައި އަބަދުމެ އުޅެން އަޅުގަނޑުމެން ބޭނުން."
އައިޕީޔޫ އެސެމްބްލީގެ މައިގަނޑު ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުނިޔޭގެ ސުލްހަ އާއި އަމާންކަމަށް ޕާލިމެންޓްރީ ޑިޕްލޮމެސީގެ ތެރެއިން ކުރެވޭނެ މަސައްކަތްތަކާއި އެކަންކަމަށް މަގުފަހިކުރުމުގެ މައްޗަށެވެ. ސްވިޒަރލެންޑްގެ ޖެނީވާގައި މި އެސެމްބްލީ ކުރިއަށް ދަނީ މި މަހުގެ 23-27 އަށެވެ.