އިންޑިއާ ސިފައިން ރާއްޖޭގެ ތިން މަސްދޯންޏަކަށް އަރާފައިވަނީ މިސްކޮމިއުނިކޭޝަނަކުން ކަމަށް އެ ގައުމުން ބުނެފައިވާކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެންބަރުން ވަނީ އިންޑިއާގެ ސިފައިން ރާއްޖޭގެ މަސްދޯނިތަކަށް އެރި މައްސަލައާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އެ ދޯނިތައް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދަނިކޮށް ކަމަށެވެ. އަދި އެ ދޯނިތައް ރާއްޖެ ސަރަހައްދުން ބޭރަށް ނުދާކަން ދޯނިތަކުގައި ހުރި ޓްރެކިން ޑިވައިސްތަކުން ކަށަވަރުކުރެވޭ ކަމަށެވެ.
މިނިސްޓަރު ޣައްސާން ވިދާޅުވީ ދިވެހި މަސް ދޯނިތަކަކަށް އެރީ މިސްކޮމިއުނިކޭޝަނަކުން ކަމަށް އިންޑިއާއިން ރަސްމީކޮށް މައުލޫމާތު ދީފައިވާ ކަމަށެވެ. ޣައްސާން ވިދާޅުވީ އެ އޮޕަރޭޝަންގެ މައުލޫމާތު ދިވެހި އަސްކަރިއްޔާއަށް ފޯރުކޮށްނުދީ އޮތީ މިސްކޮމިއުނިކޭޝަނެއްގެ ސަބަބުންކަމަށް ގަބޫލުވެސް ކުރެވޭ ކަމަށާއި ސަބަބަކީ އާންމުކޮށް އެފަދަ އޮޕަރޭޝަންތައް ހިންގާނަމަ އެކަންކަން މުއާސަލަތު ކުރެވޭނެ ނިޒާމުތައް ކަނޑައެޅިފައިހުރުމުން ކަމަށެވެ.
އިންޑިއާ ސިފައިން މަސްދޯނިތަކަށް އަރާފައިވަނީ ދޯނިތަކުގައި ސެޓަލައިޓް ފޯނު ގެންގުޅޭކަމަށް ބުނެ އެކަން ކަށަވަރު ކުރުމަށްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އިންޑިއާގެ ސަރަހައްދުގެ ތެރޭގައި ސެޓަލައިޓް ފޯނު ބޭނުންކުރުމަކީ މަނާކަމެއްކަމަށްވާއިރު އެ މަސްދޯނިތައް ހަރަކާތްތެރިވެފައިވަނީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައެވެ. މިނިސްޓަރު ވިދާޅުވީ އިންޑިއާ ސިފައިން ދޯނިތަކަށްއަރާ މަސްވެރިންގެ ފޯނުތައް ބަލާ، ސިފައިން އެރި ބައެއް ފޮޓޯ އަދި ވީޑިއޯ ފޯނުތަކުން ޑިލީޓް ކޮށްފައިވާ ކަމަށެވެ.