Last Updated: January 19, 20:10
Sunday, January 19, 2025
ޚަބަރު

ނަޝީދަށް ދިން ހަމަލާގެ އިތުރު މައުލޫމާތު އެބަހުރި

މިނިސްޓަރު ޣައްސާން މައުމޫން- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރާނެ އިތުރު މައުލޫމާތު އެބަހުރިކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާދިންތާ 3 އަހަރު ވެފައިވާކަން ފާހަގަކޮށް އެ މައްސަލައިގެ ފުންމިނަށް ބެލުމުގެ ކަންތައްތައް މި ސަރުކާރުން ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިދާނެތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ ޤާނޫނީގޮތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރާނެ ކަމަށެވެ.

މިނިސްޓަރު ޣައްސާން ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ ވަރަށް ގާތުން ބަލަމުން ގެންދަވާނެ ކަމަށެވެ. އަދި މިހާރު ފެނިފައިހުރި ކަންތައްތަކުގައި މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހާ ހިއްސާކުރާނެ އިތުރު މައުލޫމާތު ދިފާއީ ވުޒާރާގައި އެބަހުރި ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

"އެހެންނަމަވެސް އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާ ކުރެވޭނީ ތިބޭފުޅުން އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވީމަ." މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.

މޭ 6 ވަނަ ދުވަހު ބޮމެއް ގޮއްވާލާ ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތެވެ. އަދި އެ ހަމަލާއިން ލިބުނު ޒަހަމްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެއެވެ.

މޭ 6 ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، ފަހުމީ އަލީ، އިސްހާގް އަދި މުހައްމަދު ނާޒިމްގެ މައްޗަށެވެ. މި ހަމަލާގައި ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދު ވަނީ ކުށަަށް އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.