އަވައްޓެރި ގައުމަކުން ރާއްޖެއަށް ހިލޭ ޑްރޯންދޭން ހުށަހެޅިކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާވާހަކަތައް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ދޮގު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޣައްސާންއާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެންބަރު ޔައުގޫބް އަބްދުﷲ ވަނީ، އަވައްޓެރި ގައުމަކުން ހިލޭ ޑްރޯން ހަދިޔާ ކުރަން ތައްޔާރަށް އޮތް ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އަދި އަގުބޮޑުކޮށް މިސަރުކާރުން ޑްރޯން ގަނެފައިވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާއިން ކަމަށް ތުހުމަތު ކޮށްފައިވެއެވެ. ޔައުގޫބް ވަނީ ހިލޭ ލިބެން އޮށްވާ އަގުބޮޑުކޮށް ޑްރޯން ގަތީ ކީއްވެތޯ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ، މެންބަރު ޔައުގޫބަށް މުޅިންވެސް ލިބިފައިހުރީ "ކަމުނުދާ މައުލޫމާތު" ކަމަށާއި އޭގައި އެއްވެސް ރަނގަޅު މައުލޫމާތެއް ނެތްކަމަށެވެ. ޣައްސާން ވިދާޅުވީ އެއްވެސް އަވައްޓެރި ގައުމަކުން ހިލޭ ޑްރޯނެއް ރާއްޖެއަށް ހަދިޔާކުރުމުގެ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ.
މިނިސްޓަރު ޣައްސާން ވިދާޅުވީ ޔޫއޭވީއެއް ހޯދުމަށް ދިވެހި ސިފައިން 7 އަހަރެއްހާ ދުވަހު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ކުލަ ޖެހިގެންދިޔައީ މި ސަރުކާރުން ކުރި މަސައްކަތުން ކަމަށެވެ.
މިނިސްޓަރު ޣައްސާން މަޖިލީހުގައި މިފަދައިން ވިދާޅުވިއިރު، އިދިކޮޅު އެމްޑިޕީން ތުހުމަތުކުރާ ގޮތުގައި ރާއްޖެއަށް ހިލޭ ޑްރޯން ހަދިޔާކުރުމަށް އަވައްޓެރި ގައުމަކުން އޮތީ ހުށަހަޅާފައެވެ. އަދި މިސަރުކާރުން ޑްރޯންތައް ގަނެފައިވަނީ ދައްކަންޖެހޭ އަގަށްވުރެއް ބޮޑު އަގެއް ދެއްކުމަށްފަހު ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.