Last Updated: January 19, 20:10
Sunday, January 19, 2025
ޚަބަރު

ޗައިނާގެ ރިސާޗު އުޅަނދަށް ހުއްދަ ދިނީ އާންމުކޮށް ހުއްދަދޭ ބޯޓަކަށް ވާތީ

މިނިސްޓަރު ޣައްސާން މައުމޫން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޗައިނާގެ ރިސާޗު އުޅަނދަށް ރާއްޖެ ވަނުމަށް ހުއްދަދިނީ އެ އުޅަނދަކީ އާންމުގޮތެއްގައި ދިވެހި ދައުލަތުން ހުއްދަދޭ ބޯޓަކަށް ވާތީކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޣައްސާންއާ ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި މެންބަރު އިލްޔާސް ލަބީބްވަނީ ޗައިނާގެ ރިސާޗް އުޅަނދެއްކަމަށް ބުނާ އުޅަނދެއް ރާއްޖެ ސަރަހައްދުގައި އުޅޭ ކަމަށް މައުލުމާތުލިބޭކަން ފާހަގަކޮށް، އެ އުޅަނދު ރާއްޖެ ސަރަހައްދަށް ވަނުމުގައި ހުއްދަ ދިނުމުގައި ބެލިކަންތައްތަކަކީ ކޮބައިތޯ އަދި އެ އުޅަނދުންކުރާ ރިސާޗަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ ޗައިނާގެ ރިސާޗް ވެސަލް ރާއްޖެ ވަނުމުގައި ހުއްދަ ދިނުމުގައި ބަލައިފައިވާނީ ތާރީހީގޮތުން ރާއްޖެއިން އަމަލުކޮށްފައިވާ ގޮތަށް ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރުވެސް އެ އުޅަނދު ރާއްޖެ ސަރަހައްދަށްއައިސް، ހުރަސްކޮށް ގޮސްފައިވާ ކަމަށެވެ.

"އެހެންމަ އާންމުގޮތެއްގައި ދިވެހި ދައުލަތުން ހުއްދަދޭ ބޯޓެއް ކަމަށްވާތީ އަޅުގަނޑުމެން މިފަހަރުވެސް ހުއްދަ ދީފަ އޮތީ." ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ އެއްވެސް ރިސާޗެއް ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ކުރުމުގެ ހުއްދައެއް އެ އުޅަނދަށް ދެވިފައި ނޯންނާނެ ކަމަށެވެ.

އެ އުޅަނދު މާލެއަށް ބަނދަރު ކުރުމަށްފަހު ކާބޯތަކެތި ގަނެގެން، މަތިންދާބޯޓުން އައި ކްރޫ އެ ބޯޓަށް އެރުމަށްފަހު އެ ބޯޓުގައިތިބި ކްރޫ މަތިންދާބޯޓުގެ ޒަރީއާއިން ފުރައިގެން ދިޔަކަމަށް މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ. އަދި އެ ބޯޓަށް ހުއްދަ ދެވުނީ އެކަމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާގެ ރިސާޗު އުޅަނދު 'ޝަންގް ޔަންގް ހޮންގް 3' ރާއްޖެއައުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ އެ އުޅަނދު ރާއްޖެ އަންނަނީ ދިރާސާއެއް ކުރަން ނޫން ކަމަށެވެ. އެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދެނީ އެ އުޅަނދަށް ބޭނުންވާ އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދޭން ޗައިނާގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައި ވާތީ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.