Last Updated: January 19, 20:10
Sunday, January 19, 2025
ޚަބަރު

އިންތިހާބަށް ނުފޫޒުފޯރުވަން ވަޒީފާދޭތީ ކުއްލި މައްސަލައެއް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒުފޯރުވުމަށް އުސޫލުން ބޭރުން ސަރުކާރު ކުންފުނިތަކުން ވަޒީފާ ދެމުންދާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީއެވެ. މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަސް ބަލައިގަނެ ވަނީ ބަހުސް ކުރިއަށް ގެންގޮސްފައެވެ.

މި ކުއްލި މައްސަލައިގައި ބުނެފައިވަނީ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރު ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާ އެއްވެސް އުސޫލެއްނެތި ދެމުންދާ ކަމަށެވެ. އެގޮތުން ބައެއް ކުންފުނިތަކުން އެއްފަހަރާ 30 އަދި 40 ވަޒީފާ، އެއްވެސް އިއުލާނެއް ކުރުމެއްނެތި އެކި ފަރާތްތަކުން ދެމުންދާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި އެމީހުންނަށް ވަޒީފާދެނީ މަޖިލިސް އިންތިހާބުގައި ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓަށް ވޯޓު ދިނުމަށް ޝަރުތުކޮށް ކަމަށްވެސް ބުނެފައިވެއެވެ.

ޔޫނުސްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ކުންފުނިތަކުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ގެއްލުމުގައި ހިންގާކަމަށް ސަރުކާރުން ކުރިން ބުނުމަށްފަހު އެއްފަހަރާ ގިނަ އަަދަދެއްގެ ވަޒީފާތަކެއް ވަކި ބަޔަކަށް ދެމުންދާއިރު ސަރުކާރުގެ އިހްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި މިގޮތަށް ވަޒީފާދެނީ ޕީސީބީގެ އުސޫލުތަކާއި ކުންފުނިތަކުގެ އުސޫލުތަކާވެސް ހިލާފަށްކަމަށް ތުހުމަތު ކޮށްފައިވެއެވެ.

"މީގެއިތުރުން މި ކަމަކީ ކުންފުނިތަކުގެ ވެރިން އެފަރާތްތަކުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކެއްކަމަށްވާއިރު، މި މައްސަލާފައި އެންޓި-ކޮރަޕްޝަން ކޮމިޝަނުންވެސް އެއްވެސް ސަމާލުކަމެއް ނުދީ ހިމޭނުން ތިބޭކަމީ ކަންބޮޑުވާކަމެއްކަމަށްވެސް ފާހަގަކުރެވެއެވެ." ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

މީގެއިތުރުން ކުއްލި މައްސަލައިގައި ބުނެފައިވަނީ ސަރުކާރުން ތާއިދުކުރާ ކެންޑިޑޭޓަށް ތާއީދުނުކުރާ މުވައްޒަފުންނަށް ފިޔަވަޅު އަޅަމުންދާ ކަމަށާއި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، މަގާމު ބަދަލުކޮށް ވަޒީފާ އަދާކުރާތަން ބަދަލުކުރުންފަދަ ކަންކަންކުރަމުންދާ ކަމަށެވެ. މިކަންކަމަކީ އެޗްއާރްސީއެމްއިން ބަލައި ފިޔަވަޅު އަޅަންޖެހޭފަދަ އަމަލުތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންކަން ވަގުތަށް ހުއްޓާލުމަށް ކުއްލި މައްސަލައިގައި ސަރުކާރަށް ގޮވާލާފައިވެއެވެ.