Last Updated: January 19, 17:20
Sunday, January 19, 2025
ޚަބަރު

އާސަންދައިގެ އިސްރާފު ބޮޑު، ރިފޯމް ކުރުން ކުރިއަށް

މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އާސަންދަ ނިޒާމުގެ އިސްރާފު ބޮޑުވެފައިވާ ކަމަށާއި އިސްރާފު ކުޑަކުރެވޭނެ މޮޑެލްތައް ދިރާސާކުރަމުން އަންނަ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، އާސަންދައިގެ ހަރަދުތައް އަހަރަކަށް ވުރެ އަހަރެއް ބޮޑުވަމުން އަންނަކަމަށެވެ. އާސަންދައިން މިހާރު އިންތިހާއަށް އިސްލާފުވަމުން އަންނަކަމަށާއި އެންމެ ބޮޑު އިސްކަމެއް ދީގެން މިހާރު ކުރަނީ އެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އައިޝަތް ޝިހާމް ވިދާޅުވީ މިދިޔަ އަހަރު 2.3 ބިލިއަން ރުފިޔާ އާސަންދައަށް ހަރަދުކޮށްފައިވާއިރު އޭގެތެރެއިން 1 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވަނީ ބޭހަށް ކަމަށެވެ. އަދި ރާއްޖޭގައި ލިބެންހުރި ބޭހުގެ އަގުތައް ހުރީ މި ސަރަހައްދުގެ ގައުމުތަކާ އަޅައިބަލާއިރު 70 ގުނައިގައި ކަމަށް ވިދާޅުވިއެވެ.

ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ހަރަދަށް ބަލާއިރު ޖުމުލަ ގޮތެއްގައި ސިއްހީ ދާއިރާއަށް ދައުލަތުން ކުރާ ހޭދަ ހުރީ ތަރައްގީވެފައިވާ ގައުމުތަކާ އެއް މިންވަރެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ މި ސަރަހައްދުގެ ގައުމުތަކާ އަޅައިބަލާއިރު ވެސް ދެގުނަ ބޮޑު މިންވަރެއް ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އާސަންދަ ނިޒާމުން އިސްރާފު ކުޑަކުރެވޭނެ ގޮތްތައް ބެލުމަށް އެކި މޮޑެލްތައް ދިރާސާކުރަމުން އަންނަ ކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ އާސަންދައިގެ ހަރަދުތައް ކުޑަކޮށް ރިފޯމް ކުރުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވިއެވެ. އެގޮތުން އެ މަސައްކަތަށް ބޭރުގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ ކަމާބެހޭ އެންމެހައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރެވޭކަން ފާހަގަކުރެއްވިއެވެ.