ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރުމަށް ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީން މިއަދު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު މާރިޗު 30 ވާ ހޮނިހިރު ދުވަހު ހެނދުނު 10:00 އިން 2024 މާރިޗު 31 ވާ އާދީއްތަ ދުވަހު ރޭގަނޑު 12:00 ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.
ސޮއި ކުރުން ކުރިއަށްދާނީ އާދީއްތަ އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަދި ރޭގަނޑު 09:00 އިން 12:00 ގެ ނިޔަލަށް ކަމަށް އީސީން މައުލޫމާތުދެއެވެ.
ކެންޑިޑޭޓުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު ކަމަށްވާ ދަރުބާރުގޭގައެވެ.
އީސީން ބުނެފައިވަނީ ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެ ކަމަށެވެ.