Last Updated: January 19, 17:29
Sunday, January 19, 2025
ޚަބަރު

ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ލިބޭނެ ދުވަހެއް ނޭނގޭ

މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ ތާރީހެއް އަދިވެސް ކަނޑަނޭޅޭކަން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްއާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެންބަރުން ވަނީ ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ ތާރީހަކާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެކަމުގެ ތަފުސީލުތައް ރައްޔިތުންނަށް ހާމަކުރެވޭހާ އަވަހަކަށް ހާމަކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިފަދަ މަސައްކަތެއް ކުރަމުންދާއިރު އެންމެ މުހިންމީ ދެމެހެއްޓެނިވި ގޮތެއްގައި ނިޒާމު ހަމަޖެއްސުން ކަމަށެވެ.

ޔޫއޭއީ އަދި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހެލްތު ފެސިލިޓީ ތަރައްގީ ވަންދެން ދާނީ މިހާރު ދާ ތަންތަނަށް ވުރެ މާ ފެންވަރު ރަނގަޅު، ދުބާއީ ކަހަލަ ބެންކޮކްގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް ކަމަށެވެ. އަދި އެތަންތަނުގައި ހުރުމަށްދާ ހަރަދުވެސް އާސަންދައިން ކަވަރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.