ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މި އަހަރުގެ އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑި މިއަދު ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އެތަމުން ބުނީ ނަން ހުށަހެޅުމަށް ދިން ސުންގަޑި ހަމަވާނީ މެންދުރު ފަހު 1:00 އަށް ކަމަށެވެ. އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ، މިދިޔަ މަހުގެ 25 ގަ އެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ. މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތް ކުރަމުން އަންނަ މީހަކަށް ވާން ޖެހެ އެވެ.
އިނާމަށް ހުށަހަޅުއްވާއިރު، ފޯމުގައިވާ ހުރިހާ މަޢުލޫމާތުތައް ފުރިހަމަކޮށް، އަދި ކަމާބެހޭ ހުރިހާ ލިޔުންތަކާއެކު އިނާމަށް އެދޭ ފޯމު ހުށަހެޅުމަށް ޤައުމީ އިނާމާ ބެހޭ ކޮމިޓީން އެދިފައިވެ އެވެ.
އިނާމަށް ހުށަހަޅާ މީހުންގެ ނަން ހުށަހެޅޭނީ ހަމައެކަނި "ފޯމު ހުށަހެޅުން" މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ޕޯޓަލްގެ އެޑްރެހަކީ http://apply.presidency.gov.mv އެވެ.