ރާއްޖޭގެ ހުރިހާ ހިސާބަކުން ބެސް ޕާސްޕޯޓުގެ ހިދުމަތް ފަށަން ސަރުކާރުން ނިންމައިފި އެވެ.
އިމިގްރޭޝަނާއި ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ރަށްރަށުގައި އަދިވެސް ދިރިއުޅެމުން އަންނާތީ ރަށްރަށުން ހިދުމަތް ފަހިވެފައި އޮންނަން ޖެހޭ ކަމަށެވެ. އެގޮތުން ރަށްރަށުން ގިނަ ބަޔަކު ޕާސްޕޯޓުގެ ހިދުމަތަށް އެދެމުން އަންނާތީ ފަސޭހަ ކުރުމުގެ ގޮތުން ހުރިހާ އަތޮޅަކުން ވެސް ޕާސްޕޯޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އާދަމް ޝަރީފު ވިދާޅުވި ގޮތުގައި މިހާރު ނިންމާފައި އޮތީ ކޮންމެ ސިޓީއަކާއި ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލްގައި ވެސް ޕާސްޕޯޓު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.
"ހިދުމަތް ފުޅާކުރަމުން މިދަނީ ރާއްޖޭގެ މި ވަގުތު ހާލަތާއި ސިޓީތަކުގެ ކަންކަން ހުރި ގޮތަށް ބަލާއިރު މަސައްކަތް ކުރިއަށް ގެންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެން." އޭނަ ވިދާޅުވި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު، މުހައްމަދު ޝަމާން ވިދާޅުވީ ހުރިހާ އަތޮޅަކުން ޕާސްޕޯޓު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު މުވައްޒަފުން ނެގުމާއި ޕާސްޕޯޓު ސެޓަޕު ހެދުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
"ބޭނުމަކީ އާންމުން ބޮޑު ހަރަދެއް ނުކޮށް ސަރުކާރުން މިދޭ ހިދުމަތްތައް ރަށްރަށުންނާއި އަތޮޅުތަކުން ލިބިގެން ދިއުން." އޭނަ ވިދާޅުވި އެވެ.
ޝަމާން ވިދާޅުވި ގޮތުގައި އަތޮޅުތަކުން މަހަކު، ޕާސްޕޯޓުގެ ހިދުމަތް ހޯދުމަށް 1،200 އެއްހާ މީހުން މާލެ އާދެ އެވެ.
"ޕާސްޕޯޓް ހައްދަން މާލެ އަންނަން ކޮންމެ މީހަކު ހައެއްކަ ހާސް ރުފިޔާ އެބަ ހޭދަކުރޭ. މިއީ ވަރަށް ބޮޑު ހަރަދެއް ހުރިހާ ރައްޔިތުންނަށް ބަލަންޏާ،" އޭނަ ވިދާޅުވި އެވެ. "އަހަރެއްގެ މައްޗަށް އެބަ ހަރަދުވޭ 77.7 މިލިއަނެއްހާ ރުފިޔާ. އެހެންވީމާ މި ނިންމުމާ އެކު މި ހަރަދު ކުޑަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."
ޕާސްޕޯޓްގެ ހިދުމަތް މިހާރު ލިބެނީ މާލޭގެ އިތުރުން އައްޑޫ، ކުޅުދުއްފުށި ތިނަދޫ އަދި ފުވައްމުލަކުންނެވެ.
ލ. އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ފެށުމާ ގުޅޭ ގޮތުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މަޝްވަރާތަކެއްކޮށްފައިވެ އެވެ.